މިއަދު އިރުއޮއްސި ހާއިރު އީވްނިން ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ކެފޭގެ ބަދިގެއާއި އެކޮމޮޑޭޝަން ބްލޮކެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ އެ އަލިފާނުގެ ހާދިސާ ރިޕޯޓް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް މިއަދު އިރުއޮއްސި 6:12 ހާއިރު ލިބިފައިވާ ކަމަށާއި އެ ސާވިސްގެ ފަޔާމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށެވެ.

އެ ހާދިސާގައި އިވްނިން ކެފޭގެ ބަދިގޭގެ އިތުރުން އެތަނުގެ މަތީގައި ހުންނަ އެކޮމޮޑޭޝަން ބްލޮކުގައިވެސް އަލިފާން ހިފާ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި ކަމަށާއި އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ މިރޭ 7:22 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާ ލިބިފައިނުވާއިރު އެމްއެންޑީއެފްއިން ބުނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް އެނގިފައެއް ނުވާ ކަމަށެވެ.

މި ހާދިސާ ހިނގުމާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން މި ހާދިސާއާ ގުޅޭ މައުލޫމާތު އޮޅުންފިލުއްވާފައި ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

މިއަދު އިވްނިން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގި އިރު މިދިޔަ ހޯމަ ދުވަހު ހެނދުނު ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަން ވަނީ އަނދާ ހުލިވެފައެވެ. އަދި އެތަނުގެ ކުރިމަތީގައި ހުރި މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެެ.

މީގެ އިތުރުން މިދިޔަ އާދިއްތަ ދުވަހު ގދ. ފިޔޯރީ ސްކޫލު ހޯލު އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަންވެސް ވަނީ އަނދާހުލިވެފައެވެ. މި ފަހަކަށް އައިސް ހިނގާ އަލިފާނުގެ ހާދިސާތައް ތަހުގީގުކުރަން ރާއްޖެއިން ބޭރުގެ ފޮރިންސިކް ޓީމެއް ގެނެސް ތަހުގީގު ކުރަންވެސް ވަނީ ފަށާފައެވެ.