ދިވެހި ބަހާއި އަދަބިއްޔާތުގެ އުސްތާޒް އަބްދުﷲ ސޯދިގު (ސޯދުބެ) އޮކްސިޖަން ދަށްވެ އައިޖީއެމްއެޗުގައި އެޑްމިޓްކުރުމާ ގުޅިގެން ހަގުދަރިފުޅުގެ ކައިވެނި ހަފްލާ އައިޖީއެމްއެޗްގައި ބާއްވައިފިއެވެ.
ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ލިބިފައިވާ ސޯދުބެގެ ހަގު ދަރިފުޅުގެ ކައިވެނި އައިޖީއެމްއެޗުގައި ކޮށްފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހުއެވެ.
ކައިވެނީގެ ފޮޓޯއެއް ހިއްސާކޮށް ލިޔުއްވި ޝުކުރުގެ މެސެޖުގައި ސޯދުބެ ވިދާޅުވީ އޭނާއަކީ ހަމަ ޔަގީނުން ވެސް އައިޖީއެމްއެޗުން ގަވައިދުން ހިދުމަތް ހޯއްދަވާ ބޭފުޅަކަށް ވާތީ ކަސްޓަމަރު ޑިސްޓައުންޓް ލިބެންޖެހޭ ބޭފުޅެއްކަން ޔަގީން ވެއްޖެ ކަމަށާއި އެ ވޯޑުގައި ނުބާއްވާ ކޮޓަރިއެއް އަދި ފަރުވާ ނުދެއްވާ ޑޮކްޓަރަކާއި ނަރުހެއް ވެސް މަދުވާނެ ކަމަށެވެ.
އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު މީ މުޅި އުމުރަށް ހަނދާނުގައި ހުންނާނެ ފަހަރެއް ކަމަށާއި ހަގު ދަރިފުޅު ކައިވެނިކުރަން ދެ ހަފްތާއަށް ވެފައި ވަނިކޮށް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެނެސް އެޑްމިޓް ކުރި ދުވަހުން ފެށިގެންވެސް އައިޖީއެމްއެޗްގެ މުވައްޒަފުންގެ ފަރާތުން ދިން ހިދުމަތަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރަންޖެހޭ ކަމަށް ސޯދުބެ ވިދާޅުވިއެވެ.
ސޯދުބެ ވިދާޅުވީ މިއީ އުމުރުން މިހައި ހިސާބަށް އާދެވުނު އިރުވެސް ނުފެންނަ އޯގާތެރިކަން ފެނުނު ފަހަރެއް ކަމަށާއި ގެއާއި މިހައި ދުރުގައި ހުންނަން އަނެއްކާވެސް ޖެހުނު ހިނދު އަނބުރައި ދާހިތް ނުވި ފަހަރެއް ކަމަށެވެ. އެކަމުގެ މައިގަނޑު ސަބަބަކީ ތިޔަ ދެއްވި ލޯތްބާއި ހިދުމަތް ކަމަށާއި ހިތާއި އަމަލުން ފެނުނު ކުލުނު ކަމަށް ސޯދުބެ ފާހަގަކުރެއްވިއެވެ.
ސޯދުބެ ވަނީ އައިޖީއެމްއެޗުގައި އެ ކައިވެނި ކުރަން މަގުފަހިކޮށްދެއްވި ކަމަށްޓަކައި އައިޖީއެމްއެޗްގެ އިސްވެެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
އެ ދުވަހު އެވީ އުފާ ލިޔުމަކުން ބަޔާން ކޮށްދެއްވަންވެސް ނޭނގޭ ކަމަށް ވެސް ސޯދުބެ ވަނީ ވިދާޅުވެފައެވެ.