ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މި އަހަރު އެންމެ ބާރު ދުވެއްޔެއްގައި ކުރި އަރާނީ ރާއްޖޭގެ އިގްތިސޯދު ކަމަށާއި މި އަހަރު ރާއްޖޭގެ އިގްތިސޯދު 8.2 ޕަސެންޓް ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ދުނިޔޭގެ އިގްތިސޯދު ދިރާސާ ކުރުމަށް ފަހު ވޯލްޑް ބޭންކުން ނެރެފައިވާ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓުގައި ބުނެފައި ވަނީ، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރަށް ރާއްޖޭގެ އިގްތިސޯދު ކުރިއަރާނީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އެހެން އަހަރުތަކަށް ވުރެ އިތުރުވާނެތީ ކަމަށެވެ. އެ ގޮތުން މި އަހަރު ރާއްޖޭގެ އިގްތިސޯދު 8.2 ޕަސެންޓަށް ކުރިއަރާނެ ކަމަށާއި މިއީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރާނެ އިގްތިސޯދު ކަމަށް އެ ރިޕޯޓުގައި ވެއެވެ.
މީގެކުރިން ވޯލްޑް ބޭންކުން ލަފާކޮށްފައި ވަނީ ރާއްޖޭގެ އިގްތިސޯދު 12.4 ޕަސެންޓަށް ކުރި އަރާނެ ކަމަށެވެ. ނަމަވެސް އެ އަދަދަށް ވުރެ ދަށުން މިހާރު ލަފާކޮށްފައި ވަނީ ކޮވިޑަށް ފަހު އިގްތިސޯދަށް އައި ބޮޑު ކުރިއެރުން ކޮންމެވެސް ވަރަކަށް މި އަހަރު ތެރޭ މަޑުޖެހި، އާންމު ހާލަތަކަށް ދާނެތީ ކަމަށް އެ ރިޕޯޓުގައި ވެއެވެ.
ކޮވިޑަށް ފަހު ފަތުރުވެރިކަން ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައެވެ. ނަމަވެސް ކޮވިޑުން އަރައިގަތުމަށް ގިން ގުނަ މަސައްކަތްތައް ކޮށްގެން ފަތުރުވެރިކަން ކުރިއަރުވަމުން އަންނަ އިރު ރާއްޖޭގެ ފަތުރުވެރިކަން ވަނީ ދެކުނު އޭޝިއާގެ އެހެން ގައުމުތަކަށް ވުރެ ހަލުވި މިނުގައި ކުރިއަށް ގޮސްފައި ކަމަށް އެ ރިޕޯޓުގައި ވެއެވެ. އަދި މި އަހަރުތެރޭ ރާއްޖޭގެ ފަތުރުވެރިކަން 12.4 ޕަސެންޓް ކުރި އަނާރަނެ ކަމަށް ވޯލްޑް ބޭންކް ރިޕޯޓްގައި ލަފާކޮށްފައި ވެއެވެ.
މީގެ އިތުރުން އެ ރިޕޯޓްގައި ވަނީ ރާއްޖޭގެ އިގްތިސޯދަށް ދިމާވާނެ ގޮން ޖެހުންތަކުގެ ވާހަކަތައް ވެސް ހިއްސާ ކޮށްފައެވެެ. އެގޮތުން ރާއްޖެއަކީ ދަރަނީގެ ރިސްކް ބޮޑު ގައުމެއް ކަން ފާހަގަކޮށް ދުނިޔޭގެ މާލީ ބާޒާރުގައި އިންޓަރެސްޓް ރޭޓްތައް ބޮޑުވެގެން ދިއުމުގެ ސަބަބުން ދަރަނަ ދެއްކުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް އެ ރިޕޯޓުގައި ވެއެވެ. މީގެ އިތުރުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ގައުމަކީ ރާއްޖެ ކަމަށާއި އެއީ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް އެޅޭ ބޮޑު ހުރަހެއްކަމަށް އެބޭންކުން ވަނީ ބުނެފައެވެ.