ހިޔާ ސަރަހައްދުގައި ދިރިއުޅޭ އަދި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން އެޗްޑީސީން އަންގައިފިއެވެ.

އެޗްޑީސީން ބުނީ، ހިޔާ ފްލެޓުތަކުން ތިރިއަށް އެއްޗެހި އުކާ ކަމުގެ ޝަކުވާތަކަކީ ހިޔާގައި ދިރިއުޅޭ މީހުންގެ ފަރާތުންނާއި އެސަރަހައްދުން ދަތުރުކުރާ މީހުންގެ ފަރާތުން ތަކުރާރުކޮށް އެޗްޑީސީއަށް ހުށަހަޅަމުންދާ ޝަކުވާއެއް ކަމެއް ކަމަށެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން މަގުމަތީގައި ޕާކްކޮށްފައިވާ އުޅަނދު ތަކަށާއި މިސަރަހައްދުގައި އުޅޭ ފަރާތްތަށް ބޮޑެތި ގެންލުންތަކެއް ވެފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުން "ހިޔާ މަސްރޫއުގެ ފުލެޓުތައް ހިމެނޭ އެއްމެދު އިމާރާތަކުގެ ފުލެޓު އަދި އިމާރާތުގެ އާންމު ތަންތަނާއި ވަސީލަތްތައް ބޭނުންކުރުމާއި ބެހޭ އުސޫލު" އަދި "އިމްރާތް ކުރުމާއި އިދާރީ ގަވާއިދު 2019/1004" އާ ހިލާފަށް އިމާރާތުން ބޭރަށްވާ ގޮތަށް ގަސް ޕޮޓް ފަދަ ތަކެތި ބަހައްޓާކަން އެކޯޕަރޭޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ، މިފަރާތްތަކަށް ތަކުރާރުކޮށް މިކަން އިސްލާހުކުރަން އަންގާފައިވާ ކަމަށެވެ.

ހިޔާ ސަރަހައްދަކީ ވައިގަދަ ސަރަހައްދަކަށްވެފައި ގަސް ޕޮޓު ފަދަ ތަކެތި ނުނަގާ ދޫކޮށްލުމުގެ ސަބަބުން އެސަރަހައްދުގައި އުޅޭ މީހުންނަށް ބޮޑެތި ގެއްލުންތަކެއް ދިމާވެދާނެ ފަދަ ކަމަކަށްވާތީ ހުރިހާ އެންމެންވެސް އުސޫލާއެއްގޮތަށް އަމަލު ކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހިޔާ ފްލެޓުތަކަކީ އެއްމެދު އިމާރާތްތަކަށް ވެފައި އެސަރަހައްދަކީ ގިނަ ބަޔަކު ދިރިއުޅޭ ތަނަކަށްވާތީ ހުރިހާ ފަރާތަތަކުން ވެސް އެކަންކަމަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.