ވަކީލުންނަށް ބިރުދެއްކުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގައި ހިމެނޭ ދެ ވަކީލެއްގެ މައްސަލަ ބާ ކައުންސިލުން ބަލަން ތައްޔާރުވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ކައުންސިލުން ދޮގުކޮށްފިއެވެ.
ރޭ އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ސަރުކާރުގެ ފަރާތުން އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތުގެ އެންގެވުމަށް ބާ ކައުންސިލުން ވަކީލުންގެ ހައްގުތަކަށް އަރައިގަތުމަށް މަޝްވަރާ ކުރަމުން ދާ ކަމަށެވެ. މި ގޮތުން އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ލޯޔަރު އާދަމް އާސިފް އާއި ލޯޔަރު މުހައްމަދު ރާޣިބް އަހުމަދު ގެ މައްސަލަ ބެލުމަށް ތައްޔާރުވަމުންދާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އިތުރަށް އެ ބަޔާނުގައި ވަނީ އާސިފް ގެ މައްސަލަ ބަލަނީ ސީދާ ކްރިމިނަލް ކޯޓުގެ އެންގުމަށް ކަމަށާއި ރާގިބް ގެ މައްސަލަ ބަލަނީ އެޓާނީ ޖެނެރަލްގެ އިސްނެގުމުގެ މަތިން ބާކައުންސިލުން ކަމަށެވެ.
ވަކީލުންނަށް ފިޔަވަޅު އެޅުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލާ ކޯލިޝަނުން ވަނީ ގާނޫނީ އަސާސީގެ 30 ވަނަ މާއްދާއިން ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެއްކަމަށް ބުނެފައެވެ. އަދި އެ ޕާޓީގެ ލީގަލް ޓީމުން ހިޔާލު ފާޅުކުރަމުން ދަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ހެދިފަހުރި ގާނޫނުތަކާއި ހިލާފު ނުވާނެ ގޮތުގެ މަތިން ކަމަށްވެސް އެ ބަޔާނުގައި ބުނެފައެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވަނީ އެ ކޯލިޝަންގެ ލީގަލް ޓީމުން ފާޅުކުރަމުންދާ ހިޔާލުތަކަށް އެފަރާތްތައް ކުށްވެރިކުރަން މިސަރުކާރާއި ގުޅިގެން ބާކައުންސިލުން މަސައްކަތް ކުރަމުން ދާކަމަށް ތުހުމަތު ކޮށްފައެވެ. އަދި މިކަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަކީ ގައިރު ދުސްތޫރީ މައްސަލަ ތަކެއް ކަމަށްވާތީ އެމަސައްކަތް ކުށްވެރިކޮށް އެމަސައްކަތް މިހާރުން މިހާރަށް ހުއްޓަލުމަށް ވަނީ ގޮވާލާފައެވެ.
"ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައި ވާ އަސާސީ ހައްގުތަކުން ރައްޔިތުން މަހްރޫމް ކޮށް، ގޮށްމުށުގެ ބާރުން ވެރިކަން ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ނުރުހުންތެރިކަމާއެކު ކުށްވެރިކުރަން". މީގެއިތުރުން އެ ބަޔާނުގައި ވަނީ ގާނޫނު އަސާސީގެ އިމުގެ ތެރޭގައި ވެރިކަން ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.
އިދިކޮޅު ކޯލިޝަނުން ބާއުންސިލަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް، އެކައުންސިލުން ބުނީ އެޓާނީ ޖެނެރަލް އަންގަވައިގެން ނުވަތަ އެއްވެސް ސިޔާސީ ކުލައެއް ޖެހިގެން ވަކީލެއްގެ މައްސަލަ ބަލަމުން ނުދާކަމަށެވެ. އެހެންނަމަވެސް އެއްވެސް ވަކީލެއްގެ މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލަ ބާ ކައުންސިލުން ބަލާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.