މި އުންމަތުގެ ސާހިބާ مُحَمَّد صلى الله عليه وسلم އުފަންވެ ވަޑައިގެންނެވި ބިމަކީ ފަރުބަދަތަކުން ވަށާލެވިފައި ވާ ހަނަފަސް ސަރަހާއެކެވެ. އެއީ ސައުދީ އަރަބިއްޔާގެ މާތްވެގެންވާ މައްކާގެ ބިމެވެ. އެންމެހާ މުސްލިމުންގެ ގިބްލް ކަމުގައިވާ ކައުބަތުﷲ ގެފުޅު ހުންނަ މާތް ބިމެވެ.

އެއީ ވާރޭ ވެހުން ދުރު ހަނަފަސްކަމުގައި ހޫނު ގަދަ ބިމެކެވެ.

ނަމަވެސް މިފަހަކަށް އައިސް ސައުދީ އަރަބިއްޔާއަށް ގާތް ގާތުގައި ވާރޭ ވެހުމާއި، ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމާއި، ބައެއް ސަރަހައްދުތަކަށް ސްނޯ ފޭބުމަކީ ފާހަގަ ވަމުން، ރެކޯޑް ކުރެވެމުން އަންނަ ކަންކަމެވެ.

ހުސްވި ޑިސެމްބަރު މަހަކީ އެގޮތުން ފާހަގަ ކޮށްލެވުނު އެއް މަހެކެވެ. ހާއްސަ ކޮށް ސައުދީގެ ހުޅަނގު ބިތަށް ބޯކޮށް ވާރޭވެހި ފެންބޮޑުވިއެވެ. ހަފްތާއެއްގެ މުއްދަތަށް ދެމިގެން ދިޔަ ވިއްސާރައިގެ އަސަރު މައްކާގެ ހަރަމްފުޅަށް ވެސް ކުރިއެވެ. ހަރަމްފުޅަށް ވެސް ވާރޭ ވެހިފައި ވެއެވެ.

ވާރޭ ވެހި ފެންގަނޑު ހިނދެމުން އައި އިރު މުޅިން ތަފާތު އާދަޔާ ހިލާފު މަންޒަރަކުން ދުނިޔޭގެ ސަމާލުކަން ހޯދައިފިއެވެ. ނާސާގެ ސެޓެލައިޓުތަކުގެ ލެންސްތައް މައްކާއަށް އަނބުރާލީ އެ މަންޒަރުތައް ނަގާށެވެ.

މައްކާ އަކީ ވަށައިގެން ފަރުބަދަ ހުންނަ ޝަހަރަކަށް ވާ އިރު، ފެންގަނޑު ހިނދުމާއެކު މިހާރު ފެންނަން އޮތީ ފެހިކަން ގަދަ ސާލެއް ފަދަ ސަހަރާއެކެވެ. ފަރުބަދަތަކުގެ މަތީގައިވެސް ވަނީ ފެހިކުލައިގެ އެ ސާލެވެ. މުޅިތަނުގައި ވިނަ ފަޅާ، ގަސްގަހާގެހި ރޯވެ ހެދިފައެވެ. ނުވަތަ ހެދެމުން ދަނީއެވެ.

މިކަމާ ގިނަ ބަޔަކު ހައިރާން ވަނީ ކީއްވެ؟

ގިނަ ބަޔަކަށް ހައިރާންކަން ގެނުވާ ކަމަކަށް މިކަން ވަނީ، މީގެ 1400 އަހަރު ކުރިން، އުންމަތުގެ ނަބިއްޔާގެ ހަދީސްބަސްފުޅަށް ރިއާޔަތް ކޮށް އެއީ ގިޔާމަތް ކައިރިވެއްޖެ ކަމުގެ އަލާމާތެއް ކަމަށް ބުނާތީއެވެ. ސަހީހް މުސްލިމް ރިވާކުރެއްވި ރަސޫލާގެ ހަދީސް ބަސްފުޅުގެ ފަހުބައިގެ މާނާގައި އޮންނަނީ އަރަބިކަރައިގެ ބިންތައް ފެހި ވެ ފެންކޯރުތައް ނުހެދެނީސް ގިޔާމަތް ނުވާހުއްޓެވެ. އެ ހަދީސް ބަސްފުޅާ ގުޅުވާ ބައެއް މީހުން، މިހާދިސާގެ ވާހަކަ ދައްކާއިރު ސައުދީގެ ހުޅަނގުބިއް ފެންނަނީ ފެހިކަން ގަދަ ކޮށެވެ. ނަމަވެސް ފެން ކޯރުތަކެއް އަދި ނެތެވެ. ސައުދީ އަކީ މާސިންގާ ކޯރު ހުންނަތަނަކަށް ނުވާ އިރު މި ހަދީސްފުޅާ މިހާރު މައްކާގެ ބިން ފެހިވުމާ ގުޅުވާ މީހުން ބުނަނީ، ފެހިކަން ގަދަ ބިންތަކަށް ނުވަތަ ގަސްބޯ ތަންތަނަށް ގިނަ ގިނައިން ވާރޭ ވެހޭ ކަމަށާއި އެހެން ކަމުން މައްކާއަށް ގިނަ ގިނައިން ވާރޭވެހުމުގެ ފުރުސަތުވެސް އެބަ އޮތް ކަމަށެވެ. އެހެން ކަމަށް ވާނަމަ ފެންކޯރުތައްވެސް ހެދުމަކީ ދުރުކަމެއް ނޫންކަމަށް ވެސް ބުނެއެވެ.

އެ ހަދީސްބަސްފުޅުގެ އަނެއްބައިގައި އޮންނަނީ، އަމިއްލަ މުދަލުން ނެރޭ ޒަކާތް ބޭނުން ކުރާނެ އެހެން މީހަކު ނެތި އަމިއްލައަށް ބޭނުން ކުރަން ޖެހޭ ހާލަތަށް މީހާގެ މުއްސަނދިކަން ނުދަނީސް ގިޔާމަތް ނުވާނެ ކަމަށެވެ. ނުވަތަ އެންމެންގެ މުއްސަނދިކަން ބޮޑުވެގެން ގޮސް ޒަކާތް ބޭނުން ކުރާނެ މީހަކު ނުހުންނަ ހިސާބަށް ނުދަނީސް ގިޔާމަތް ނުވާނެ ކަމަށެވެ.

ގިނަ ބަޔަކު މިކަމާ ހައިރާން ވަނީ، އެ ހަދީސްބަސްފުޅުގެ ފަހުބައިގެ މާނައާ، މައްކާގެ ބިން ފެހިވުމާ ގުޅުވާފައެވެ. ނަމަވެސް މިއީ އަލަށް ވީ ކަމެއް ނޫން ކަމަށާއި، މީގެ ކުރިންވެސް ތަންކޮޅެއް ބޯކޮށް ވާރޭ ވެހޭ އިރު މައްކާގެ ބިންތަކަށް ފެހިކަން އަންނަ ކަމަށް ސައުދީގެ ބައެއް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި ހުސްވީ މައްކާ، ޖިއްދާ ރާބިގް އަދި އަލްކާމިލް އަށް ވިއްސާރަ ދުވަސްވަރެކެވެ. ވައި ބާރުވެ، ކަނޑުގައި ބާނި އުފެދި ތުނިކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރި ގޮތަށް ވާރޭ ވެހުނެވެ. އަދި ސައުދީ އަރަބިއްޔާގެ އުތުރު ބިތުގެ ރަށްތަކަށް ސްނޯވެސް ފޭބިއެވެ. ނަމަވެސް މުގައްދަސް އެއްވެސް ބިމަކަށް ސްނޯ ފައިބާފައި ނުވެއެވެ.

ސައުދީގައި ސްނޯ ފައިބާ ސަރަހައްދަކީ ތަބޫކު ފަރުބަދަތައް ހުންނަ ސަރަހައްދެވެ. އެ ފަރުބަދަ ތަކުގެ ބިމުން ފެށިގެން ގާތްގަނޑަކަށް 400 މީޓަރުގެ އުހަށް މިދިޔަ އަހަރުވެސް ސްނޯ ފޭބިއެވެ.

މައްކާގެ ހަރަމްފުޅުގައި ހުންނަ ކްލޮކްޓަވާ ފެންނަ ފޮޓޯއެއް ފެހިކަން ގަދަ ސަހަރާއާއެކު

އަރަބިކަރައާއި ފެހިވި ސައުދީގެ ބިން

އަރަބިކަރައަކީ 3.2 މިލިއަން ސްކެއާ ކިލޯމީޓަރަށް ފެތުރިފައި އޮތް ދުނިޔޭގެ އެންމެ ބޮޑު ބައްރެވެ. ވާރޭ ވެހި ފެހިކަން ފެތުރިފައި ވަނީ އެ ނިސްބަތުން ގަލަމު ތުނޑަކަށް ވުރެވެސް ކުޑަ މިންވަރެކެވެ. އެހެން ކަމާއެކު، އެއީ ރަސޫލާގެ އެ ހަދީސްބަސްފުޅާ ގުޅެވޭނެ ކަމެއް ނޫންކަމަށް ގިނަ ބަަޔަކު ބުނެއެވެ. އަދި މީގެ ކުރިންވެސް ވާރޭ ވެހި ވިނަފަޅާ އާރޯކަން އައިސްފައި ވުމާއި، މާއްދީ ގޮތުން ހައްދާ ގަސްހަގާއި ބަގީޗާތަކުން މައްކާއާއި މަދީނާގެ އެކި ސަރަހައްދުތަކުން ފެހިކަން ގަދަވަމުން ދާކަމީ ފެންނަން އޮތް ހަގީގަތެކެވެ.

ނަމަވެސް މައްކާގެ ސަހަރާތައް މިހާރު ފެހިވުމާއި ރަސޫލާގެ ހަދީސްބަސްފުޅާ ނުގުޅުވި ނަމަވެސް، ރަސޫލާގެ ހަދީސްބަސްފުޅަކީ އެ ކަމުގެ ވަގުތު ޖެހުމުން ވާނޭ ކަމާމެދު ޝައްކެއްނެތް ސާފުތެދު ބަސްފުޅެވެ. އެބަސްފުޅާ މެދު އިންކާރު ކުރުމެއް ނެތެވެ. އެހެން ކަމުން ގިޔާމަތް ވުމުގެ ކުރިން، އަރަބިކަރަ ފެހިވެ، ފެން ކޯރުތައް ދެމިގެން ދާނެ ކަން ކަށަވަރެވެ.