މުސްލިމުންގެ މުގައްދަސް ހަރަމްފުޅު ހުންނަ މައްކާއަށް އެރި ކުއްލި ތޫފާނެއްގައި ވިއްސާރައާއި ގަދަވަޔާއެކު، އަޅުކަމުގައި ތިބި އެތައްބަޔަކާއި ތަކެތި ވިއްސައިގެން ގޮސްފިއެވެ.
ރޭ އެރި މިތޫފާމުގައި ބޯކޮށް ވާރޭވެހި މައްކާގެ އިތުރުން ޖިއްދާ އާއި އެހެނިހެން ބައެއް ސިޓީތަކަށް ގެއްލުން ވެފައި ވާއިރު، ބާރު ވަޔާއެކު ހަރަމްފުޅުގައި ތިބި މީހުން އެއްލާލައި މަންޒަރުތައް އާންމުވެފައި ވާ ވީޑިއޯތަކުން ފެނެއެވެ. އަދި ހިފާގެންގުޅޭ ބައެއް ތަކެއްޗާއި، ހަރަމްފުޅު ސާފުކުރުމުގެ މަސައްކަތުގައި އުޅެމީހުން ގެންގުޅޭ ތަކެއްޗާއެކު އެމީހުންވެސް ވިއްސައިގެން ދާތަން ފެނެއެވެ.
މީގެ އިތުރުން އެ ތޫފަނުގައި ހޮނު އަޅަމުން ދިޔަ މަންޒަރުތައް ފެންނަ އިރު، ހަރަމްފުޅުގައި ހުންނަ އުސް ބޮޑު ކްލޮކް ޓަވަރުގެ މައްޗަށް ހޮނުއަޅާތަންވެސް ފެނެއެވެ.
ތޫފާނުގެ ބާރު ވައި އައިއިރު ހަރަމްފުޅުގައި އުމްރާގެ އަޅުކަމުގައި މީހުން ތިއްބެއެވެ. ތޮވާފު ކުރާ މީހުންނާއި އަދި މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ތިބި އިތު، އެކި ސަރަހައްދުތައް ވަކިކުރަން ބަހައްޓާފައި ހުރި ޕްލާސްޓިކް ފްރޭމްތައްވެސް ވަނީ ވަޔާއެކު އެއްލާލައިފައެވެ.
އެހެން ބައެއް ސަރަހައްދުތަކަށް ބަލާއިރު، އަސްފާން ރޯޑް [މަގު] ގައި ޖަހާފައި ހުރި ބައެއް ބޮކި ދަނޑިތައްވެސް ވަނީ ވެއްޓިފައެވެ. އަދި ކަރަންޓް ވަޔަރު ގެންގޮސްފައި ހުންނަ ބައެއް ހޮޅިދަނޑިތައްވެސް މަގުމައްޗަށް ވާގޮތަށް ލެނބިފައި ވާ މަންޒަރުތައްވެސް ފެނިފައި ވެއެވެ.
ސައުދީގެ ނެޝަނަލް މީޓިއަރޮލިޖިކަލް ސެންޓަރުން ބުނީ، ކުރިމަތި ވި ތޫފާނުގެ ބާރު ވައި 24 ގަޑިއިރަށް ދެމިގެން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، މަދީނާ، މައްކާ، ޖިއްދާ، އާސިރު، ޖަޒާން، އަލް ބަހާފަދަ ތަންތަނގައި ދިރިއުޅެ ފަރާތްތަކުން ސަމާލުވުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ތަބޫކާއި ނަޖްރާން ފަދަ ސަރަހައްދުތަކުން ބާރު ވަޔާއެކު ބޯ ހިރަފުސް އަރައިގެން ދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. ރަފްހާ، ހަފްރް، އަލް ބާތިން ފަދަ ސިޓީތަކުގައި ހޫނުމިން 47 ޑިގްރީގައި ހުރި އިރު އެތަންތަނުންވެސް ހިރަފުހުސް އަރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
މޫސުމީ ކުއްލި ބަދަލުތައް ފެންނަ މި ދަނޑިވަޅަކީ އޮކްޓޯބަރުގައި ފެށޭ އޯޓަމްގެ ކުރިން ދިމާވާ މޫސުމީ ބަދަލެއް ކަމަށް މާހިރުން ބުނެއެވެ.