މެދުއިރުމަތީގެ ވިއްސާރައިގެ ނުރައްކާ ބަހްރައިން, ގަތަރު އަދި ސައުދީއަށް ފޯރާފައިވާ އިރު ބޯކޮށް ވާރޭ ވެހި މަދީނާގެ މަގުތަކާއި މައްކާގެ އުތުރު ބިތުގައި ފެންބޮޑުވެއްޖެއެވެ.
އާންމު ވެފައި ވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އުސް ސަރަހައްދުތަކުން ފައިބައިގެން އަންނަ ފެންގަނޑުގެ ބާރުގައި މަގުތަކުގައި ހުރި ވެހިކަލްތައް ވެސް ވަނީ ކަހާލައިގެން ގެންގޮސްފައެވެ. އަދި ވާދީތަކުގައި ފެންބޮޑުވެ ކޯރުތައް ދެމެމުން ދާ މަންވަރުވެސް ފެނިފައި ވެއެވެ. މީގެ އިތުރުން ކަދުރު ރުއްތަށް ވެއްޓޭ މަންޒަރާއި ފަރުފަދަ ތަކުން އޮހެމުން ފައިބަމުން ދާ ވޯޓާފޯލް ތައްވެސް ފެނެއެވެ. އެފަދަ އެއް ވޯޓާ ފޯލް އަކީ ހޮރާ ވާދީގައި ހުންނަ ފަރުބަދަ ތަކުން އޮހެމުން ދިޔަ ފެނުން އުފަންވެފައި ހުރި ވޯޓާފޯލްތަކެވެ.
މޫސުމާ ބެހޭ އިދާރާތަކުން ބުނާގޮތުން މި ވިއްސާތަ މިމަހުގެ 4 ވާ ހޮނިހިރާ ހަމައަށް ދެމިގެން ދާނެއެވެ. އަދި ގުގުރާ ވިދުމާއެކު ވައިބާރުވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ބުނެފައި ވެއެވެ.
ސައުދީއަށް ކުރަމުން ދާ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވުމާއި އުސް ސަރަހައްދުތަކުން ތިރި ސަރަހައްދުތަކަށް ބާރު ސްޕީޑިގައި ދެމެމުންދާ ފެންގަނޑުގެ ސަބަބުން ސްކޫލުތަކަށް ގޮސްގެން ކިޔެވުމުގެ ޝެޝަންތައްވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލައި ސްކޫލުތައް ބަންދު ކޮށްފައެވެ.
މީގެ އިތުރުން ވާރޭ ނުވެހޭ ސަރަހައްދުތަކަށް ބާރު ވަޔާއެކު ހިރަފުހުގެ ތޫފާންތައް އަރާނެ ކަމަށް ވެސް ސައުދީގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައި ވެއެވެ.
މިއާއެކު މައްކާ އާއި މަދީނާ ހިމެނޭހެން އަލް ބަހާ, އަލް ގާސިމް އަދި ހައިލް އަށް ރެޑް އެލާޓް ނެރެފައި ވާ އިރު އަސީރު ކިޔާ ސަރަހައްދުގެ މެދުތެރެ އާއި ޖަޒާންގެ އިރުމަތީ ސަރަހައްދުތަކުގެ އިތުރުން ވެރިރަށް ރިޔާދާއި ތަބޫކު ސަރަހައްދަށް ވަނީ އެލާޓް ނެރެފައެވެ.
އަދި ވެލީގެ ތޫފާން އަރާނެ ކަމަށް ބަލައި ރިޔާދުގެ ދެކުނު ބިތުގެ ސަރަހައްދުތަކާއި ނަޖްރާން ސަރަހައްދަސް ވަނީ އެލާޓް ނެރެފައެވެ.
މައްކާ އަދި މަދީނާ އަކީ އާންމުކޮށް ވާރޭ ވެހޭ ތަންތަން ކަމަށް ނުވާތީ މިތަންތާނގައި ފެންގަނޑު އޮހިގެން ދާގޮތަށް ޑްރައިނޭޖް ނިޒާމުތައް ފުރިހަމަ ކޮށްފައެއް ނުހުރެއެވެ. އެހެން ކަމުން ފެންގަނޑު އަވަހަށް ބޮޑުވެ ކިސަޑާއެކު ބޮޑު ސަރަހައްދެއް ފުރާލާގޮތް ކުރިމަތިވެއެވެ.
މިހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައި ވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވި ނަމަވެސް ހިފާ ގެންގުޅޭ ބައެއް ތަކެއްޗާއި ވެހިކަލްތަކަށް ވަނީ ބޮޑެތި ގެއްލުންތައ ލިބިފައެވެ.
މި ފަހުގެ ތާރީހު ތަކުގައި މައްކާ އަދި މަދީނާ ސަރަހައްދަށް އާދަޔާ ހިލާފު މޫސުމީ ކަންކަން ކުރިމަތިވަމުން އަންނަ އިރު މި ވިއްސާރަގައި މަދީނާގައި ހުންނަ ގުބާ މިސްކިތާއި ރަސޫލާގެ މިސްކިތް, މަސްޖިދުއް ނަވަބީގެ ތެރެއަށް ވާރޭ ވެހެމުން ދާ މަންޒަރުތައް ފެންނަ ވީޑިއޯތައް ވެސް އާންމު ވެފައި ވެއެވެ.
މީގެ ކުރިން ހުސްވި ރޯދައާ ދިމާކޮށް ވެހުނު ވާރޭގައި މައްކާގައި ހުންނަ ހަރަމްފުޅުގެ ތެރެއަށް އެތައް މިލިއަން ކުރައްޕެއް ވަން ހާދިސާއެއް ވެސް ހިނގާފައި ވެއެވެ. އެ ހާދިސާގެ މަންޒަރުތައް ވެސް އާންމު ވެފައި ވާ އިރު, މީހުންގެ ގައިގައާއި މުޅި ތަޅުން މަތީގައި ކުރަފިތައް ދުވަމުން ދިޔަ އިރު މިސްކިތުގެ އެކިއެކި ތަނބުތަކާއި ފާރުތަކުގައި ވެސް ހުރީ ކުރަފި ޖައްސާފައެވެ.
ބުރާންޗޯ އެއީ ކުރައްޕެއް ނޫނޭ... ރަނގަޅަށް ބަލާބަލަ ޒޫމްކޮއްގެން ކުރަފި ހުންނަނީ އެހެން ތޯ..
މިމާތްބިމުގަ ރާވިއްކާފިހާރައެއްހުޅުވިތަ