މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލާ ކުރިއަށް ގެންދިޔަ މުޒާހާރާއިން ހައްޔަރު ކުރި މީހުން ބަންދުން ދޫކޮށްލުމަށް ކުރި ޝަރުތުތަކާ ގުޅިގެން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ކޯޓުން ދޫކޮށްލާފައި ވަނީ ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމަށް ޝަރުތު ކޮށްފައެވެ. ޝަރުތުތަކާއެކު ދޫކޮށްލީ ޕީޕީއެމްގެ ޔޫތު މެމްބަރު އައިޝަތު ނުހާ، ޗެނަލް13ގެ ނޫސްވެރިޔާ މުހައްްމަދު ސަމާހު، އަދި އެ ޕާޓީގެ ސެނެޓަރު އަމާނީ މުހައްމަދެވެ.

ބަންދުގައި ތިބޭ މީހުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ކުރި އިގުރާރުގައި ވަނީ ނުހާ އާއި އަމާނީ 60 ދުވަސް ވަންދެން، އިރުއޮއްސި 6:00 އިން ފެށިގެން ފަތިހު 6:00 ހަމައަށް ގެއިން ބޭރަށް ދިއުން މަނާކޮށްފައެވެ. އަދި ސަމާހުއަށް ވަނީ 30 ދުވަސް ވަންދެން އިރުއޮއްސި 6:00 އިން ފެށިގެން ފަތިހު 6:00 ހަމައަށް ގެއިން ބޭރަށް ދިއުން މަނާކޮށްފައެވެ. މީގެ އިތުރުން އެ އިގުރާރުގައި ވަނީ މައްސަލައިގެ ތަހުގީގަށް ހާޒިރުވާން އަންގައިފިނަމަ ފުލުހުން އަންގާ ގޮތެއްގެ މަތިން ތަހުގީގަށް ދިޔުމަށްވެސް ޝަރުތު ކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ފުލުހުން މިހާރު މުޒާހަރާތަކުން މީހުން ހައްޔަރު ކުރަނީ ފުލުހުންގެ ގާނޫނުގެ ދަށުން އެއްވެސް އިންޒާރެއް ދިނުމެއް ނެތިކަމަށެވެ. އަދި ފިރިހެން ފުލުހުން، އަންހެނުން ގައިގައި އަތްލައި ހައްޔަރު ކުރަން އުޅޭކަމަށާ މީހުންނަށް އަނިޔާ ކުރާ ކަމުގެ ޝަކުވާ ލިބޭކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.