ޕޯޗުގަލްގެ ކެޕްޓަން އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީގެ އަލް ނަސްރާ ގުޅުނު ފަހުން ކުޅޭ ފުރަތަމަ މެޗުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ބައްދަލުކުރަން ޖެހިއްޖެއެވެ.
އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީގެ އިތުރުން ފްރާންސްގެ ހުނަރުވެރި ފޯވަޑް ކިލިއަން މަމްބާޕޭ ވެސް ކުޅޭ ޕީއެސްޖީން ބުނީ މިމަހުގެ 19 ވަނަ ދުވަހު އެޓީމުން ސައުދީގައި ރަހްމަތްތެރިކަމުގެ މެޗެއް ކުޅޭނެ ކަމަށާ މިމެޗުގައި ނިކުންނާނީ ސައުދީގެ ދެ ޓީމު ކަމަށްވާ އަލް ހިލާލް އަދި އަލް ނަސްރުގެ ކުޅުންތެރިން ހިމެނޭހެން ނެރޭ ޓީމަކާ ކަމަށެވެ.
މިއާއެކު މެސީ އާއި ރޮނާލްޑޯ އެއް ދަނޑަކުން އަނެއްކާވެސް ފެނުމުގެ ފުރުސަތު ބޮޑުވެފައިވާ އިރު މިއީ ގިނަ ބަޔަކު އުއްމީދުކުރަމުން އަންނަ ކުރިމަތިލުމެކެވެ.
ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ފުޓްބޯޅައިގެ ދުނިޔެއިން ފެނުނު އެންމެ ވަރުގަދަ ވާދަވެރިކަމުގެ ތެރޭގައި މި ދެ ކުޅުންތެރިން ވަނީ އެކި ފަހަރުގެ މަތިން ދަނޑު މަތިން ބައްދަލުކޮށްފައެވެ. މިގޮތުން، މެސީ ސްޕެއިންގެ ބާސާލޯނާއަށް އަދި ރޮނާލްޑޯ ރިއާލް މެޑްރިޑްއަށް ކުޅުނު އިރު މި ދެ ކުޅުންތެރިންގެ ވާދަވެރިކަން އެންމެ ފޯރިގަދަ ވެގެން ދިޔަ އިރު މި ދެ ކުޅުންތެރިން ވަނީ ޖުމްލަ 12 ބެލެންޑޯ ހޯދާފައެވެ. ބެލެންޑޯ އަކީ ފުޓްބޯޅައިގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ.
އުމުރުން 37 އަހަރުގެ ރޮނާލްޑޯ ސައުދީގެ އަލް ނަސްރަށް ސޮއިކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި ޓީމާއެކު ރޮނާލްޑޯ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ 2025ގެ ނިޔަލަށެވެ.
ޔޫރަޕްގެ ހަތަރު ލީގެއްގައި ކުޅެފައިވާ ރޮނާލްޑޯ އަށް އަލް ނަސްރުން ދޭނީ ފުޓްބޯޅައިގެ ތާރީހުގައި ވެސް ދޭ އެންމެ ބޮޑު މުސާރައެވެ. އެއީ އަހަރަކު 177 މިލިއަން ޕައުޑާ ގާތް ކުރާ އަދަދެކެވެ.