މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ޕޯޗުގަލްއާ ކްރޮއޭޝިޔާ ކުޅުނު މެޗުގައި ޕޯޗުގަލްއަށް ލިބުނު ޕެނަލްޓީއެއް ޖެހުމުގެ ކުރިން އެޓީމުގެ ކެޕްޓަން އަދި ލެޖަންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބިސްމި ކިޔާހެން ހީވާ ވީޑިއޯއެއް ވައިރަލް ވެއްޖެއެވެ.
ޕޯޗުގަލްއަށް ޕެނަލްޓީ ލިބުނީ ކްރޮއޭޝިޔާ ލަނޑެއް ޖަހާ ލީޑު ނެގި ފަހުންނެވެ. އެހެން ކަމުން، ރޮނާލްޑޯގެ ޕެނަލްޓީވީ މެޗުގެ ނަތީޖާ ހަމަހަމަކުރަން ޕޯޗުގަލް އަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.
ސައުދީ ލީގުގައި ކުޅޭ ރޮނާލްޑޯ ޕެނަލްޓީ ޖެހުމުގެ ކުރިން ފުންނޭވާ އެއް ދޫކޮށްލާ މަންޒަރު ވީޑިއޯއިން ފެނިގެންދާ އިރު ދެފަހަރު ބިސްމި ކިޔާހެން ހީވާތަން ވެސް ވީޑިއޯއަށް ފެނިގެންދެއެވެ. އަދި ހަމަޖެހިލާ ޕެނަލްޓީ ގޯލުގެ މެދަށް ވައްދާލާ ނަތީޖާ ހަމަހަމަކޮށްދެއެވެ.
ސޯޝަލް މީޑިއާގައި އެންމެ ގިނަ މީހުން ފޮލޯ ކުރާ ކުޅިވަރުގެ ޝަހްސިއްޔަތު ކަމަށްވާ ރޮނާލްޑޯގެ މި ވީޑިއޯއަށް ގިނަ ބަޔަކު ކޮމެންޓްކުރަމުންދާ އިރު ގިނަ ބަޔަކު ދަނީ ރޮނާލްޑޯއަށް ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ.
ރޮނާލްޑޯއަކީ ސޯޝަލް މީޑިއާގައި ތައުރީފާ އެއްވަރަށް ފާޑުކިއުންތައް ވެސް އަމާޒުވާ ކުޅުންތެރިއަކަށްވާ އިރު އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ ގިނަ ބަޔަކު ގަބޫލުކުރާ ކަމަކެވެ. މީގެ ކުރިން ވެސް އޭނާގެ މިފަދަ އަމަލުތަކަށް ދުނިޔޭގެ ފެންވަރުގެ ކަވަރެޖް ލިބި ބޮޑެތި ކުންފުނިތަކަށް ބިލިއަނުން ގެއްލުން ލިބިފައި އެބަހުއްޓެވެ. މިގޮތުން، 2020 ވަނަ އަހަރު ކުރިއަށް ދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހިނގި ނޫސްވެރިންގެ ބައްދަލުވުމެއްގެ މޭޒު މަތީގައި ބަހައްޓާފައި ހުރި ކޯކް ފުޅިތަކެއް ދުރުކޮށް ހަކުރު އެކުލެވޭ ބުއިންތަކާ ދުރުވުމަށް އެދި ރޮނާލްޑޯ ނަސޭހަތްދޭ ވީޑިއޯވެސް އެފަހަރު ވައިރަލްވެ ކޯކް ކުންފުޏްނަށް ބޮޑު އަދަދަކުން ގެއްލުން ލިބުނެވެ.
