މިހާރު ކުރިއަށްދާ ވޯލްޑްކަޕްގައި އިއްޔެ ދުނިޔޭގެ ފުޓްބޯޅަ މައިދާނުގެ އެންމެ އުހުގައި ތިބި ތަރިތައް ވަނީ ވިދާލާފައެވެ. މިގޮތުން، މުބާރާތުގައި ފްރާންސް ކުޅުނު މެޗުގައި ދެލަނޑު ޖަހާ ފޯވަޑް ކިލިއަން އެމްބާޕޭ ވަނީ ފްރާންސްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑް މުގުރާލާފައެވެ. އަނެއްކޮޅުން، މުބާރާތުގައި އަލަށް ކުޅުނު ނޯވޭގެ އާލިންގް ހާލެންޑް ވެސް މުބާރާތް ފެށީ ދެލަނޑުންނެވެ. ދެން އޮތީ ޗެމްޕިއަން އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީގެ ވާހަކައެވެ.

އަލްޖީރިއާ ކޮޅަށް ހެޓްރިކް ހަދާ މެސީ ވެގެން ދިޔައީ މިފަހަރުގެ ވޯލްޑްކަޕްގައި އެންމެ ފުރަތަމަ ހެޓްރިކް ހެދި ކުޅުންތެރިޔާއަށެވެ. އަދި މެސީ މިވަނީ ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑާ ވެސް ހަމަކޮށްފައެވެ.

މިއީ ވޯލްޑްކަޕެއްގައި މެސީ ހެދި ފުރަތަމަ ހެޓްރިކް/ފޮޓޯ:އެކްސް

ބުދަދުވަހުގެ ފުރަތަމަ މެޗުގައި އޮތީ ޕޯޗުގަލް އަދި ކޮންގޯއެވެ. މުޅި ދުނިޔެ އިންތިޒާރުކުރީ ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. ރޭގެ މެޗެއް އެރި އުމުރުން 41 އަހަރުގެ ރޮނާލްޑޯއަކީ ކީޕަރުން ފިޔަވާ ވޯލްޑްކަޕް މެޗެއް ފެށި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއެވެ. ދެން އޮތީ ލަނޑު ޖެހުމުގެ ރެކޯޑެވެ. މި މުބާރާތުގައި ރޮނާލްޑޯ ލަނޑެއް ޖަހައިފިނަމަ އޭނާ ވެގެންދާނީ 6 ވޯލްޑްކަޕް މުބާރާތުގައި ލަނޑެއް ޖެހި ފުރަތަމަ ފިރިހެން ކުޅުންތެރިޔާއަށެވެ.

އެހެން ނަމަވެސް ކޮންގޯއާ ކުޅުނު މެޗު ދިޔައީ ރޮނާލްޑޯއާ ޕޯޗުގަލްގެ ސަޕޯޓަރުން ހީކުރި ގޮތަކަށް ނޫނެވެ. މެޗުގެ 6 ވަނަ މިނެޓްގައި ޕޯޗުގަލްގެ ހައޯ ނަވޭޝް ޖެހި ލަނޑާއެކު ޕޯޗުގަލްއަށް ލީޑު ލިބުނު ނަމަވެސް ކޮންގޯއިން ދެން ދުލެއް ނުދެއެވެ. ޕޯޗުގަލްގެ ލަނޑަށް ފަހު ކޮންގޯގެ ޑިފެންސް އިތުރަށް ވަރުގަދަކުރި އިރު ނަތީޖާ ހަމަހަމަކުރި ލަނޑު ކޮންގޯއިން ޖެހީ ފުރަތަމަ ހާފް ނިނުމެނީސްއެވެ.

ކޮންގޯގެ ފުރަތަމަ ލަނޑު ޖަހާ ދިން ވިސާ/ފޮޓޯ: އެކްސް

ރޭގެ މެޗުގައި ޕޯޗުގަލްގެ އަތުގައި ގިނަ އިރު ބޯޅަ އޮތް ނަމަވެސް ކޮންގޯގެ ޑިފެންސް ހާސްވާފަދަ ހަމަލާތަކެއް ޕޯޗުގަލްއަކަށް ނުއުފެއްދެއެވެ. ސްޓްރައިކަރުގެ ރޯލުގައި ރޮނާލްޑޯއަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނު އިރު މެޗުގައި ޕޯޗުގަލްއަށް އުފެއްދުނު ނުރައްކާތެރި ދެތިން ހަމަލާއެއް ވެސް ނާކާމިޔާބުވީ ރަނގަޅު ޕޮޒިޝަންގައި ތިބި ޓީމު މޭޓުންނަށް ވުރެ ކުރިން ރޮނާލްޑޯ ލަނޑުޖަހަން އުޅުމުން ކަމަށް މެޗު ދިރާސާކުރި ބައެއް ޕަންޑިޓުން ބުންޏެވެ.

ރޮނާލްޑޯއަށް ކުރަނީ ޓީމަށް ވުރެ އަމިއްލަ ރެކޯޑް ކުރިއަށް ނެރޭ ކަމުގެ ތުހުމަތު

ރޭގެ މެޗުގެ ފަހުން އެކި އެކި މަންސާތަކުގައި ޕޯޗުގަލްގެ ކުޅުން ގާތުން ބަލާ އެނަލިސް ހެދި އިރު އެމެިރކާގެ ފޮކްސްގައި ޕަންޑިޓްކަން ކުރި ފްރާންސްގެ ކުރީގެ ފޯވަޑް ތިއަރީ އޮންރީ ބުނީ ރޮނާލްޑޯ ރޭގައި ދެއްކީ އަމިއްލަ އެދުން ބޮޑު ކުޅުމެއް ކަމަށެވެ. އޮންރީ ބުނީ ޕޯޗުގަލްއަށް ލިބުނު އެއް ފުރުސަތުގައި ބްރޫނޯ ފަނާންޑޭޝްއަށް ބޯޅަ ލިބުން ރޮނާލްޑޯ ހުއްޓުވި ކަމަށާ ބަދަލުގައި އެޝޮޓް އޭނާ ފޮނުވާލުމުން އެ ހަމަލާ ނާކާމިޔާބީ ކަމަށެވެ. އެހެން ނަމަވެސް އެފުރުސަތު ފަނާންޑޭޝްއަށް ދޫކޮށްލި ނަމަ ޔަގީނުން ވެސް ގޯލަށް ބޯޅަ ވަނީސް ކަމަށް އޮންރީ ބުންޏެވެ. އަދި މުހިއްމު ޓީމަށް ގޯލެއް ޖެހުން ކަމަށާ ރޮނާލްޑޯ ގޯލު ޖެހުން ނޫން ކަމަށް ވެސް އޮންރީ ބުންޏެވެ.

ރޮނާލޯޑް ބަދަލުކުރަން ކޯޗު މާޓީނޭޒް ބިރުގަންނަނީ ބާ؟

މިއީ ވެސް ރޭ ބައެއް ޕަންޑިޓުން އުފެއްދި ސުވާލެކެވެ. ރޮނާލްޑޯ އަކީ ޕޯޗުގަލްގެ އެންމެ ކުޅަދާނަ އަދި އެންމެ ހުނަރުވެރި ކުޅުންތެރިޔާއަށް ވީ އިރު އޭނާ ނުލާ ފުރަތަމަ 11 އެއް މެޗަކަށް އަރުވަން އަދި ރޮނާލްޑޯ ބާލަން ވެސް ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓީނޭޒް ބިރު ގަންނަ ކަމަށް ޕަންޑިޓުން ތުހުމަތުކުރިއެވެ. މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ބެހޭ ގޮތުން މާޓިނޭޒްއާ ސުވާލުކުރުމުން އޭނާ ބުނީ ޕޯޗުގަލް ލަނޑަކަށް ބޭނުންވެފައި ތިއްބާ ފުޓްބޯޅައިގެ ތާރީހުގައި ވެސް ގޯލު ޖެހުމުގެ ކުޅަދާނަ ރިކޯޑް އޮތް ކުޅުންތެރިޔާ ދަނޑުގައި ހުއްޓާ އޭނާ ބޭލުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ.

ކޮންގޯއާ ވާދަކުރި މެޗުގައި ރޮނާލްޑޯގެ ކުޅުމެއް ނުފެނޭ/ފޮޓޯ: އެކްސް

ޕޯޗުގަލްގެ ބެންޗުގައި ޒުވާން މޮޅު ކުޅުންތެރިން ތިއްބާ އުމުރުން 41 އަހަރުގެ ކުޅުންތެރިއަކު މުޅި މެޗަށް ބެހެއްޓުމުގެ ބޭނުން ނުފެންނަ ކަމަށް ވެސް ޕަންޑިޓުން ބުންޏެވެ. މިކަމަށް ބާރު ދެނީ މެޗުގެ ސްޓެސްއެވެ. ރޭގެ މެޗުގައި ރޮނާލްޑޯ ބޯޅައިގައި ފައި ޖެއްސީ އެންމެ 25 ފަހަރެވެ. އަދި އޭނާ ވެގެން ފިޔައީ ކީޕަރުން ނުލާ ބޯޅައިގައި އެންމެ މަދުން ފައި ޖެއްސި ކުޅުންތެރިޔާއަށެވެ.

އެންމެ ގިނަ ވޯލްޑްކަޕްގައި ގޯލު ޖެހުމުގެ ރިކޯޑް ހޯދަން ރޮނާލްޑޯ މަސައްކަތް ކުރަމުންދާ އިރު ޕޯޗުގަލްގެ ޖާޒީގައި އޭނާއަށް ބައިނަލްއަގްވާމީ މުބާރަތެއްގައި ލަނޑެއް ނުޖެހި 10 މެޗު ކުޅެފިއެވެ. ސައުދީގެ އަލް ނަސްރަށް ބަރާބަރަށް ރޮނާލްޑޯ ލަނޑު ޖެހި ނަމަވެސް ވޯލްޑްކަޕްގެ ކޮންމެ މެޗެއް އެހާ މުހިއްމު އިރު އެޕްރެޝަރު ނެތް ޒުވާން ފޯވަޑެއް ފުރަތަމަ 11 އަށް އެރުވުން މާ ރަނގަޅުވާނެ ކަމަށް ވެސް ގިނަ ޕަންޑިޓުން އިއްތިފާގުވެއެވެ.