ސަރުކާރުން އެދިގެން މިދިޔަ އަހަރުގެ ތެރޭގައި އިތުރަށް ފައިސާ ޗާޕު ކުރި އަދަދު 3.9 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބާލާއިރު، މިދިޔަ އަހަރު އެންމެ ގިނަ ފައިސާ ޗާޕްކޮށްފައި ވަނީ ނޮވެމްބަރު މަހުއެވެ. އެ މަހު އެކަނިވެސް 2.1 ބިލިއަން ރުފިޔާ އިތުރަށް ޗާޕްކުރި ކަމަށް އެމްއެމްއޭ އިން ބުނެއެވެ. ފައިސާ ޗާޕްކުރުމުގެ މާނައަކީ އެކައުންޓުގައި ނެތް އަދަދަށް ފައިސާ ނެގުން ނުވަތަ އޯވާޑްރޯ ކުރުމެވެ.
2013 އާ ހަމައަށް ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން ގިނަ އަދަދަކަށް ފައިސާ ޗާޕްކުރަމުން އައި ނަމަވެސް 2014 ވަނަ އަހަރު ފައިސާ ޗާޕްކުރުން ވަނީ ހުއްޓާލާފައެވެ. ނަމަވެސް ޕީބީއޭ އޭރު ދެން ބޭނުން ކުރަމުން އައީ ދަރަނިތައް ދެއްކުމަށެވެ.
ނަމަވެސް ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ދިމާވި ގޮންޖެހުންތަކުގެ ސަބަބަުން 2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން އަންނަނީ ޕީބީއޭ އިން ރުފިޔާ ޗާޕް ކުރަމުންނެވެ. ޖުމްލަ 4.4 ބިލިއަން ރުފިޔާއާ ހަމައަށް ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރަން އެންމެ ފުރަތަމަ މަޖިލީހުން ހުއްދަ ދިނީ އޭޕްރީލް 2020 ގައެވެ. އަދި އެ ލިމިޓަށް މި އަހަރުގެ ނިޔަލަށް ފައިސާ ނެގޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ފައިސާ ޗާޕް ކުރުމަކީ ޑޮލަރުގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުވެގެން ދާނެ ކަމެއް ކަމަށް އިގުތިސޯދީ މާހިރުން ބުނަމުން އަންނަ އިރު، ރާއްޖެއިން ފައިސާ ޗާޕްކުރާ މައްސަލައިގައި އިދިކޮޅުން އަންނަނީ ކަނބިޑުވުން ފާޅު ކުރަމުންނެވެ. 20202 ގައި އޯވަޑްރޯ ކުރަން މަޖީލީހުން ފާސްކުރި އިރު ވެސް އިދިކޮޅުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ.