މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އައިޝަތު އަސްނާ ހަމްދީ ހަމަޖެއްސެވުމަށްޓަކައި ރައީސް ޑރ، މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެޕިއުޓީ ގަވަރުނަރަކަށް އަސްނާ ހަމަޖައްސަން ރައީސް މުހައްމަދު މުއިއްޒު، އޭނާގެ ނަން ފޮނުއްވިކަން ވަނީ އިއުލާންކޮށްފައެވެ. އަދި މަޖިލީހުން ރުހުން ދިނުމުގެ ކުރިން އޭނާގެ ނަން ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ވަނީ މިއަދު ފޮނުވާފައެވެ.
އަސްނާ މިހާރު ހުންނެވީ އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އަސްނާ އެމްއެމްއޭގައި ހިދުމަތް ކުރައްވާތާ 17 އަހަރުވެފައިވާއިރު މިހާރު އޭނާ ހަވާލުވެ ހުންނެވީ އެ އިދާރާގެ ފައިނޭންޝަލް ސެކްޓާ ސެކްޝަނާއެވެ.
އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަކީ އާ ގަވަރުނަރު އަހުމަދު މުނައްވަރު އެ އިދާރާއާ ހަވާލުވެވަޑައިގަތުމަށް ފަހު، އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން އުފެއްދި މަގާމެކެވެ.