ދިވެހިރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން 2 ކުންފުންޏަކަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދީފިއެވެ.

އެމްއެމްއޭއިން ބުނީ ދިވެހިރާއްޖޭގައި މާލީ ނިޒާމް ހަރުދަނާކޮށް ކުރިއެރުވުމަށް އެ އޮތޯރިޓީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭންކިން ހިދުމަތް ދިނުމަށް ޕްރީ އޮޕަރޭޝަނަލް ހުއްދަ 2 ފަރާތަކަށް މި މަހުގެ 19 ވަނަ ދުވަހު ދޫކޮށްފައިވާ ކަމަށެވެ.

ޕްރީ އޮޕަރޭޝަނަލް ހުއްދަ ދޫކޮށްފައި ވަނީ:

  1. މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ ޕވޓ ލޓޑ (އެމްއެފްއެލްސީ) - މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ބޭންކްގެ ނަމުގައި ޓިއާ 1 ބޭންކްއަކަށް ބަދަލުކުރުމަށް
  2. ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް – ބީއައިސީ ބޭންކް މޯލްޑިވްސްގެ ނަމުގައި ޓިއާ 1 ބޭންކްއެއް ގާއިމްކުރުމަށް

އެމްއެމްއޭއިން ދޫކޮށްފައިވާ ހުއްދަތަކާއެކު، ހިދުމަތް ފެއްޓުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭނެ ކަމަށް އެ އޮތޯރިޓީއިން ކަނޑައަޅާ ޝަރުތުތައް ފުރިހަމަކުރުމުން މި 2 ފަރާތަށް ދިވެހިރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމުގެ ހުއްދަ ދެވިގެންދާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީއިން ދެކޭގޮތުގައި މިއީ މާލީ ހިދުމަތްތައް ފުޅާކޮށް، ވާދަވެރިކަން އިތުރުކޮށް، އަދި ދިވެހިރާއްޖޭގެ މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅުތައް ކަމަށެވެ.