ދުނިޔޭޖެ ޖައްވަށް ފޮނުވާ ވިހަ ގޭސް (ސީއެފްސީ) މަދުކުރުމަށް އެއްބަސްވެ ދުނިޔޭގެ ގިނަ ގައުމުތަކުން ސޮއިކުރި މޮންޓްރިއަލް ޕްރޮޓޮކޯލް ހަދަން މައުލޫމާތު އެއްކުރި ސެޓެލައިޓް 38 އަހަރަށް ފަހު ބިމަށް ވެއްޓިއްޖެއެވެ.

"ޑެޑް ސެޓެލައިޓް" ގެ ނަމުން މަޝްހޫރުވެފައި ވާ މި ސެޓެލައިޓް ދުނިޔޭގެ ސަތަހައިން ބޭރުގައި ބުރުޖަހާތާ އެތައް އަހަރެއް ވެއްޖެއެވެ. 1984 އިން ފެށިގެން މެދުނުކެނޑި 21 އަހަރު ބިމަށް ސިގްނަލް ނުވަތަ މައުލޫމާތު ފޮނުވަމުން ދިޔަ ސެޓްލައިޓްގެ މަސައްކަތް ހުއްޓި މަރުވުމާއެކު ދުނިޔެ ވަށާ އެނބުރެމުން ދިޔައެވެ.

އެނބުރެމުން ސެނބުރެމުން ދަމުން ދަމުން ގޮސް ދުނިޔޭގެ ސަތަހައިގެ ތެރެއަށް ވަދެ ކުދިކުދިވެގެން ފޭބީ ރޭގެ 11:04 ގައި ކަމަށް ނާސާއިން ބުނެއެވެ.

މިއީ ނާސާގެ ސެޓްލައިޓެކެވެ. މި ސެޓެލައިޓުގެ އެހީގައި އޭރު އެއްކުރަމުން ދިޔަ މައުލޫމަތު ތަކުގެ ތެރޭގައި އިރުގެ އަލިން ދުނިޔެއަށް ފޯރުކޮށްދޭ ރޭޑިއޭޝަންގެ މިންވަރާއި އޯޒޯން ފަށަލައިގެ ބޯމިނާއި، ބިމުގެ ފެން މައްޗަށް އަރަައިގެން ދާ ގޮތާއި ދުނިޔޭގެ ސަތަހައިގައި ނައިޓްރޯޖެން ގޭސް ހުރި މިންވަރާއި އެއޮރޯސޮލް ހުރި މިންވަރު ހިމެނެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަތައް އެންމެ ބާރަށް ދައްކާ އޯޒޯން ފަށަލަ ތުނިވާ ވާހަކައިން ދުނިޔެއަށް ސަމާލުކަން ގެނައި މޮންޓްރިއަލް ޕްރޮޓޮކޯލް އަކީ މި މައުލޫމާތުތަކުގެ އަލީގައި އެކުލަވާލި ޕްރޮޓޮކޯލް އެކެވެ.

މި ސެޓެލައިޓް ރޭ ވެއްޓިފައި ވާ އިރު ނާސާއިން ބުނީ، ސެޓެލައިޓް ގޮވައިގެން ބިމަށް ވެއްޓޭ އެތިކޮޅަކުން މީހަކަށް ގެއްލުން ވުމުގެ ފުރުސަތު އޮތީ ކޮންމެ 9400 މީހަކުން 1 އަށް ކަމަށެވެ. ނަމަވެސް މި ސެޓެލައިޓް ދުނިޔޭގެ ސަތަހައަށް ވަދެފައި ވަނީ ބެރިން ކަނޑާ ދިމާއިން ކަމަށް ވުމުން މީހަކު ދިރިއުޅޭ ހިކިފަސް ސަރަހައްދަކަށް އެތިކޮޅެއް ވެއްޓުމުގެ ފުސަތު ކުޑަކަމަށްވެސް ބުނެއެވެ.

ދުނިޔެގެ ބޭރަށް، ތަފާތު ތަހުލީލުތަކުގެ ބޭނުމުގައި އެތައް ގައުމަކުން ސެލެޓައިޓް ފޮނުވައެވެ. އެހެން ފޮނުވާ ސެޓެލައިޓްތައް ބިމަށް ގެނައުމާއި، ބައެއް ސެޓެލައިޓް ޖައްވުގެ ތެރޭގައި ގޮވުން ފަދަ ކިތަންމެ ހާދިސާއެއް ހިނގާ އިރު އެންމެ ފަހުން މިގޮތަށް ދުނިޔެއަށް ވެއްޓުނީ ޗައިނާއިން ފޮނުވި މާ ސިންގާ ސެޓެލައިޓެއް ހިފައިގެން ދަތުރު ކުރި ރޮކެޓެއްގެ ބައެކެވެ. އެ ރޮކެޓްގެ ބައެއް ޕިލިޕީންސްގެ ކަނޑުގެ ސަރަހައްދުގައި ހިމެނޭ ޕަގާސާ އައިލެންޑް ކައިރިން ފެނިގެން ޕިލިޕީންސުގެ ސިފައިން ކަފުޖަހައިގެން ދަނިކޮށް ޗައިނާގެ ކަނޑުގެ ސިފައިން އަތުލައި ވަނީ ގައުމަށް އަނބުރާ ގެންގޮސްފައެވެ.