ހުސްވި ހަފްތާގައި ހަނދަން ފޮނުވަން އުޅުނު ރޮކެޓްގެ އިންޖީނުގައި ލީކެއް ހުރެގެން އެކަން ރަނގަޅުކޮށް އިއްޔެ އަލުން ފޮނުވާލަން އޮތް މިޝަންވެސް ނާސާއިން ކެންސަލް ކޮށްފިއެވެ.

މުއްދަތެއް ނެތް ގޮތަށް މިފަހަރު ކެންސަލް ކުރީ، އިންޖީނުގެ ލީކު ރަނގަޅު ކުރާ އިރު މުޅި ރޮކެޓް އަލުން ބަލަން އިންޖިނޭރުން ބޭނުން ވެ ވޯކްޝޮޕަށް ރޮކްޓެ ގެންދަން އިންޖިނޭރުން ހުށަހަޅާތީއެވެ. މިކަމުގެ ސަބަބުން ރޮކެޓް އަލުން ފޮނުވާލުން އޮކްޓޯބަރުގެ ފަހުކޮޅަށް ލަސްވެގެން ދާނެކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

50 އަހަރު ކުރިން ހަނދަށް ދިޔަ ކަމަށް ބުނާ، އެމެރިކާގެ ސްޕޭންސް އެޖެންސީން ބުނެފައިި ވަނީ، މިއީ މިހާތަނަށް އުފެއްދި އެންމެ އެޑްވާންސް ރޮކެޓް ކަމަށާއި، އެ ރޮކެޓުގައި އިންސާނުންނާއި އެމީހުން ގެންގުޅޭ އިކްއިޕްމަންޓް (ސާމާނު) ވެސް އުފުލޭނެ ކަމަށެވެ.

އަލަށް އުފެއްދި މި ރޮކެޓުގެ ދަށުގައި 3 މިލިއަން ލީޓަރުގެ ފިނި ހައިޑްރޯޖެން އާއި އޮކްސިޖަން އަންދާލާވަރުގެ 4 އެންޖީން ހުރެއެވެ. އަދި އެ ހޫނުން އުފެދޭ ޕްރެޝަރަކީ މި ރޮކެޓް އޭގެ ހަމަ ސްޕީޑްގައި ދަތުރު ކުރުމަށް ބޭނުންވާ އެނާޖީ އުފައްދާ މައި ނިޒާމެވެ.

ރޮކެޓްގައި މައްސަލައެއް ހުރިކަން އިންޖިނޭރުންނަށް ފާހަގަ ވީ، ހުސްވި ހަފްތާގައި ރޮކެޓް ފުރުވާލަން ތައްޔާރު ވަމުން ދިޔަ އިރު ހައިޑްރޯޖެން ޓޭންތައް ފުލް ކުރަމުން ދިޔަ އިރު އެލާމެއް ނިވުމުންނެވެ.

ނާސާއިން ހަނދަން ދާން ތައްޔާރުވާ މިދަތުރުގައި ހާއްސަ އެހެން ކަމެއްވެސް ވެއެވެ. މި ދަތުރަކީ 2030 ގައި އިންސާނުން (އަންހެނަކާއި، ފިރިހެނަކު) ހަނދަށް ފޮނުވުމުގެ ކުރިން ކުރާ ޓެސްޓް ދަތުރަކަށް ވުމާއި މި ދަތުރުގައި އިންސާނުން ހަނދަށް ދަތުރު ކުރާނެ ކުދި ބޯޓު ވެސް ހިމަނާފައި ވުމެއެވެ. އޯރިއޯން ގެ ނަމުން ނަންދީފައި ވާ އެ ސްޕޭސްކްރާފްޓްގައި 10 ސެޓެލައިޓެއްވެސް ނާސާއިން މި ދަތުރުގައި ހަނދަށް ފޮނުވާނެއެވެ. އެއީ ވިޔަފާރިއާއި ސައިންސްގެ ދިރާސާ ކުރުމުގެ ބޭނުމުގައި ފޮނުވާ ސެޓެލައިޓް ތަކެތެކެވެ.

އެމެރިކާއިން 50 އަހަރު ކުރިން ހަނދަށް ދިޔަ ކަމަށް ބުނެ ދައްކާ ފޮޓޯ / ފޮޓޯ: ނާސާ

އެ އާލާތްތަކުގެ އަލީގައި އިންސާނުން އަލުން ފޮނުވުމުގެ ކުރިން ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކޮށް ތައްޔާރުވެވޭނެ ކަމަށާއި، އިންސާނުން އަލުން ހަނދަށް ފޮނުވަން ކުރާ ދަތުރާ ހަމައަށް ދާނީ މަޑުމަޑުން ކެތްތެރިކަމާއެކު ކަމަށް ނާސާއިން ބުނެއެވެ.

މީގެ 50 އަހަރު ކުރިން އިންސާނުން ހަނދަށް ދިޔަކަމާ މެދު މިހާރުވެސް ގިނަބަޔަކު ޝައްކު ކުރި ނަމަވެސް އެމެރިކާއިން ބުނަނީ، މީގެ 50 އަހަރު ކުރިން 17 އެސްޓްރޮނޯޓުން ހަނދުގައި 12 ދުވަސް ހޭދަކޮށްފައި ވާ ކަމަށެވެ. ނަމަވެސް ސުވާލު އުފައްދާ ފަރާތްތަކުން ސުވާލު އުފައްދަނީ، 50 އަހަރު ވީ އިރު، ދެވަނަ ބަޔަކަށް ހަނދަށް ނުދެވި، ދުނިޔެއިން ބޭރަށް ދިޔުމުގައިވެސް ގިނަ ފަހަރު ނުކުޅެދޭ ތީއެވެ. ދާދި ފަހުން ބިލިއަނަރުން ކަމަށް ވާ، ޖެފް ބެޒޯސް އާއި ރިޗާޑް ބްރޭންސަން ވަނީ ދުނިޔެއިން ބޭރަށް އެމީހުންގެ އަމިއްލަ ސްޕޭސްކްރާފްޓްގައި ވަގުތުކޮޅަށް ގޮސްފައެވެ.