ވޭތުވެދިޔަ 50 އަހަރުތެރޭ ފުރަތަމަ ފަހަރަށް ނާސާ އިން ހަނދަން ފޮނުވަން ހަމަޖެހިފައިވާ އެސްޓްރޮނޯޓުން އިއުލާން ކޮށްފިއެވެ.

ޖުމްލަ ހަތަރު އެސްޓްރޮނޯޓުން ހަނދަށް ދާ ގޮތަށް ހަމަޖެހިފައި ވާއިރު އެ ހަތަރު މީހުންގެ ތެރެއިން އެކަކީ އަންހެނެކެވެ. ތާރީހުގެ ތެރެއަށް ވަން ހަތަރު އެސްޓްރޮނޯޓުންނަކީ އެމެރިކާގެ ރީޑް ވައިސްމެން (މިޝަން ކޮމާންޑަރު)، ވިކްޓާ ގްލޯވާ (ޕައިލޮޓް)، ކްރިސްޓީނާ ކޯޝް (މިޝަން ސްޕެޝަލިސްޓް) އަދި ކެނޭޑިއަން ސްޕޭސް އެޖެންސީގެ ޖެރެމީ ހަންސެން (މިޝަން ސްޕެޝަލިސްޓް) އެވެ.

ބީބީސީ އިން ބުނީ އެސްޓްރޮނޯޓުން އިއުލާން ކުރަން ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެމުން ކްރިސްޓީނާ ބުނީ ނާސާ އިން ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފޮނުވާ އެސްޓްރޮނޯޓުންގެ ތެރޭގައި ހިމެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަންނަ އަހަރުގެ ފަހުކޮޅު އާޓީމިސްގެ ދެ ވަނަ ރޮކެޓް އުދުއްސައިގަންނަން ތައްޔާރުވެފައި ވާއިރު އާޓިމިސްގެ ފުރަތަމަ ރޮކެޓެއް ވަނީ މިދިޔަ އަހަރު ތެރޭ ޖަށްވަން ފޮނުވާލައިފައެވެ. ނަމަވެސް މި ރޮކެޓްގައި އެއްވެސް އިންސާނެއް ބައިވެރިކޮށްފައެއް ނުވެއެވެ. ބީބީސީ އިން ބުނީ އަންނަ އަހަރުގެ ފަހުކޮޅު ފަށާ މި ދަތުރުގައި ރޮކެޓް ހަނދުގެ އޯބިޓަށް ވަންނަން ހަމަޖެހިފައިވީ ނަމަވެސް ސީދާ ހަނދަށް އުޅަނދު ނުޖައްސާނެ ކަމަށެވެ. ޖުމްލަ 10 ދުވަސް ހޭދަކުރާ މި ދަތުރުގައި އެސްޓްރޮނޯޓުން ހަނދު ވަށައި ބުރުޖެހުމަށް ފަހު ދިރާސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.