ވިލިމާލޭގައި އިމާރަތް ކުރަމުންދާ ގެއަކުން ފެން ދޫކުރުމަށް ގޮނޑުދޮށަށް ހޮޅި އަޅައި ކިސަޑުފެން ދޫކުރަމުން ދާތީ އާންމުން މޫދަށް އެރޭ ސަރަހައްދު ކިލަނބު ވެއްޖެއެވެ.
'ދަ ޕްރެސް' އަށް މި މައުލޫމާތު ލިބިގެން ބެލި ބެލުމުން އިމާރަތް ކުރަމުންދާ ގެއިން ފެން ހޮޅި ނެރެ ވަނީ މަގުތަކުގެ ގާތަށް ނަގައި ހުޅަނގު ފަރާތު ގޮނޑުދޮށާ ހަމައަށް ވަޅުލައިގެން ގެންގޮސްފައެވެ. އެ ހޮޅި ގޮނޑުދޮށް ސަރަހައްދަށް ނެރެފައި ވާއިރު، ކިސަޑުކޮށް ހުރި ފެންތައް ގޮނޑުދޮށަށް އެޅި އެ ފެންތައް ކޯރެއް ހެން ގޮސް މޫދާ އެކުވެ ވަނީ ކިލަނބުވެފައެވެ. އަދި އެ ސަރަހައްދު ވަނީ ޖަންކްޝަން ވަހުން އެއްވަސް ވެފައެވެ.
ހުޅަނދު ފަރާތު ގޮނޑުދޮށް ސަރަހައްދަކީ އާންމުން މޫދަށް އެރޭ ސަރަހައްދެކެވެ. ކުޑަކުދިންނާއި ދުވަސްވީ މީހުންނާއި އާއިލާ އެކުގައި މޫދަށް އެރޭ އެ ސަރަހައްދުގެ މޫދަށް މި ފެންތައް އެޅުމުން ދާތީ، ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން މޫދަށް އެރި ކުޅެލަން އޮންނަ ހަމައެކަނި ރީތި އެއް ސަރަަހައްދަކީ އެ ދިމާ ކަމަށާއި ނަމަވެސް އެ ސަރަހައްދުން ދުވާ ވަހުން މޫދާ ގާތްނުވެވޭ ކަމަށް ބައެއް މީހުން ބުނެއެވެ. އެ ސަރަަހައްދަށް މިހާރުވެސް ބައެއް ކުދިން މޫދަށް އެރެމުންދާކަން ފާހަގަކޮށް ބައެއް މީހުން ބުނީ ކިލަނބު ފެންގަނޑު ތެރެއަށް އެރުމަކީ ތަފާތު ވައްތަރުގެ ބަލިތައް ޖެހުމަށް ވެސް މަގުފަހި ވާނެ ކަމެއް ކަމަށެވެ.
މިކަމާ ގުޅިގެން އެންވައިރަމަންޓް ޕްރޮޓެކްޝަން އެޖެންސީން މައުލޫމާތު ދެމުން ބުނީ، މިފަދަ ކަންކަމަކީ މާލެސިޓީ ކައުންސިލްގެ ހުއްދައާ އެކު ކުރެވޭނެ ކަންކަން ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ހިންގާ މިފަދަ މަސައްކަތްތަކާ ހަވާލުވެ ހުންނަވާ ސުޕަވައިޒަރު 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، އާންމުކޮށް ވިލިމާލޭގައި ގެތައް އިމާރާތް ކުރާ އިރު ފެން ހޮޅި އަޅަނީ މޫދަށް ކަމަށެވެ. ނަމަވެސް އެ ހޮޅި އެ އިމާރާތުން ފެށިގެން ގޮނޑުދޮށާ ހަމައަށް އަޅާ އިރު، މަގުމައްޗަށް ހޮޅި ފަޅައިގެން ގޮސް ލީކެއް އުޅޭ ނަމަ އެކަން ހުއްޓުވާނެ ކަމަށް އޭނާ ބުނެއެވެ. އަދި ގޮނޑުދޮށާ ހަމައަށް ފެން ހޮޅި ދޫކުރުމަށް ހުއްދަ ދެނީ އީޕީއޭއިން އިމާރާތް ކުރާ ފަރާތަށް ދޭ ހުއްދަ އާ އެކުގައި ކައުންސިލަށް ހުށަހެޅުމުން ކަމަށް ވެސް އޭނާ ބުނެއެވެ.
އީޕީއޭއިން ދޭ ހުއްދަ އަކީ އިމާރާތް ކުރާ ތަނުން ފެން ދޫކުރުމަށް ދޭ ހުއްދައެވެ. އެ ހުއްދަ އަކީ ވަކި މުއްދަތަކަށް ދޭ ހުއްދައެއް ކަމުން އެ ހުއްދަ ދޭ މުއްދަތު ހަމަވުމުން އިމާރާތުން ފެން ދޫނުކުރެވޭނެ ގޮތަށް ހޮޅި ބުރިކޮށްލާނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި އެ ހޮޅިން ގޮނޑުދޮށަށް ފެން ދޫކުރާތީ އެކަމާ ގުޅިގެން އެއްވެސް ފަރާތަކުން މިހާތަނަށް މައްސަލައެއް ޖައްސާފައި ނުވާ ކަމަށާއި މައްސަލައެއް ހުށަހަޅައިފި ނަމަ އެކަން ވެސް ހައްލު ކޮށް ދޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ މި މައްސަލަ އަދި ކައުންސިލަށް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް 'ދަ ޕަރެސް' އަށް މައުލޫމާތު ދިން އަންހެނަކު ބުނީ މިއަދު ވިލިމާލޭގައި ހުންނަ ކައުންސިލް އޮފީހަށް ގުޅައި މައްސަލަ ޖައްސާފައި ވާނެ ކަމަށެވެ.
ބީޗަށް ދޫކޮށްފައިވާ އެހޮޅިން އެޅެމުންދާ ފެނުން ވިލިމާލޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށަށް ވެސް ވަނީ ގެއްލުން ވެފައެވެ.