ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީ ގޮތުން ކުރީގެ ކުޑަކުދިންގެ ހިޔާ އިމާރާތަށް ބަދަލު ކުރަން ނިންމައިފިއެވެ.

ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް މި ސަރުކާރުން އިމާރާތްކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ މާޗް މަހުގައެވެ. ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ވިލިމާލޭގައި ހެދުމަށް ހަމަޖެހިފައިވާ 112 އެނދުގެ ޖެނެރަލް ހޮސްޕިޓަލް ގާއިމުކުރުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވަނީ މިހާރު ވިލިމާލެ ހޮސްޕިޓަލް ހުރި އިމާރާތުގައެވެ.

މި މަޝްރޫއުގެ "ލެޓާ އޮފް އެކްސްޗޭންޖު"ގައި ސޮއިކޮށްފައި ވަނީ މި މަހުގެ ކުރީކޮޅުއެވެ.

އެއާއެކު އިމާރާތް ހުސް ކުރުމަށްފަހު ވިލިމާލެ ހޮސްޕިޓަލްގައި ދެމުންދާ ހިދުމަތްތައް ކުޑަކުދިންގެ ހިޔާ ހިންގި 'އަމާން ހިޔާ' އިމާރާތަށް ބަދަލު ކުރުމަށް ވަނީ ނިންމާފައިވާއިރު އިއްޔެ ވަނީ އެ އިމާރާތުގައި ވިލިމާލޭގެ ވަގުތީ ހޮސްޕިޓަލު ހިންގުމަށް ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އާދަމް އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް ސޮއިކުރައްވައިފަ އެވެ.

ވިލިމާލޭގައި ކުޑަކުދިންގެ ހިޔާ ހިންގި އިމާރާތުގައި ވަގުތީ ގޮތުން ހޮސްޕިޓަލެއް ހަދަން ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ހެލްތު މިނިސްޓްރީ

ވިލިމާލެ ހޮސްޕިޓަލަކީ 24 ގަޑިއިރަށް ހިދުމަތްދޭ ހޮސްޕިޓަލެއް ނަމަވެސް އެތަނުން ލިބެމުން އަންނަނީ މަދު ހިދުމަތްތަކެކެވެ. މިވަގުތު އެ ހޮސްޕިޓަލްގައި ހިދުމަތްދެނީ 5 އެނދުގެ އިމަޖެންސީ ރޫމަކާއި، ބަލިމީހުން ބެލުމަށް ހާއްސަ 3 ކޮޓަރިއާއެކުއެވެ.

އަދި ހަމަ އެހެންމެ އެ ހޮސްޕިޓަލުގައި އޮޕަރޭޝަން ތިއޭޓަރެއްވެސް ނެތެވެ.

ހާއްސަ ބަލިތަކުގެ ހިދުމަތް ދެނީ އައިޖީއެމްއެޗްގެ ސްޕެޝަލިސްޓުން އެ ހޮސްޕިޓަލަށް ގޮސްގެންނެވެ. އަދި ކުއްލި ފަރުވާ ދޭންޖެހޭ ހާލަތެއްގައި ހިދުމަތް ދިނުމަށް ބަލިމީހާ ފޮނުވަނީ އައިޖީއެމްއެޗަށެވެ. ނަމަވެސް އާ ހޮސްޕިޓަލާއެކު މިކަންކަމަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.