ދައުލަތް ހިއްސާވާ މީޑިއާތަކާއި މުދާ ކެމްޕެއިނުގައި ބޭނުން ނުކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީ އިން މިފަދައިން ބުނެފައި ވަނީ މިހާރު ކުރިއަށް ގެންދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން އެމްޑީޕީ ހަރުގޭގައި ދާދިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯއެއް ހިއްސާކޮށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން "އިބޫ 2023" ބޭނުން ކުރުމާ ގުޅިގެންނެވެ.

ޓްރާންސްޕޭރެންސީ އިން ބުނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ހޮވުމަށް މި މަހުގެ 28 ގައި ބޭއްވުމަަށް ހަމަޖެހިފައިވާ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހުގެ ކެމްޕެއިން ހަރަކާތްތަކާ ގުޅިގެން ދައުލަތް ހިއްސާވާ މީޑިއާ ކުންފުނި، ޕީއެސްއެމް އިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޓްވީޓްތަކުގައި ރައީސް ސޯލިހްގެ ކެމްޕެއިނަށް ހިއްވަރުދެވޭ ގޮތަށް ކެމްޕެއިންގައި ބޭނުންކުރާ ހޭޝްޓެގް ބޭނުން ކުރުން އެ ޖަމިއްޔާއިން ކުށްވެރިކުރާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 46 އަދި 47 ވަނަ މާއްދާގައި ވާގޮތުގެ މަތިން ދައުލަތުގެ އެއްވެސް އިމާރާތެއް، މުދަލެއް އަދި ވަސީލަތެއް ވަކި ސިޔާސީ ޕާޓީއެއްގެ ބޭނުމަށް ނުވަތަ ވަކި ޕާޓީއެއްގެ ފައިދާއަށްޓަކައި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ އިންތިހާބުގެ ނަޒާހަތްތެރިކަން ގެއްލި، ވޯޓުލާ ފަރާތްތަކަށް ނުފޫޒުން އެއްކިބާވެ، މިނިވަންކަމާއެކު ކެންޑިޑޭޓެއް ހިޔާރުކުރުމުގެ ހައްގަށް ބުރޫ އަރާ ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ޓްރާންސްޕޭރެންސީއިން ވަނީ ރައްޔިތުންގެ ހަރަދުގައި ވަކި ޕާޓީއަކަށް ނުވަތަ ވަކި ފަރާތަކަށް ފައިދާވާނޭހެން ކެމްޕެއިން ހަރަކާތްތައް މިހާރާއި މީގެ ކުރީގެ ސަރުކާރުތަކުން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތަކަކީ 2008 އިން ފެށިގެން ބާއްވަމުންދާ ހުރިހާ އިންތިހާބެއްގައި ވެސް ފާހަގަވަމުންދާ ކަމަށާއި އެކަންކަން ހައްލުކުރުމަށް ގާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އިދާރާތައް ޒިންމާދާރު ކުރުވުމަށް ވެސް ވަކާލާތުކުރަމުންދާ ކަމަށް ބުނެފައެވެ.

އެހެންނަމަވެސް އިންތިހާބުވާ ކޮންމެ ސަރުކާރަކުން ވެސް އެ ގޮވާލުންތަކަށް ބީރު ކަންފަތެއް ދީ، މިނިވަން އިންސާފުވެރި އިންތިހާބީ މާހައުލެއް ގާއިމުކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރަން ފަސްޖެހިފައިވާ ކަމަށް ވަނީ ފާހަގަކޮށަފައެވެ.

މި ސަރުކާރު އިންތިހާބުވީ "ޒީރޯ ޓޮލަރަންސް ޓު ކޮރަޕްޝަން" ސިޔާސަތެއް އެކުލަވާލާ، ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރުމަށް ވައުދުވުމަށްފަހު ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިފަހުން ބޭއްވުނު ކޮންމެ އިންތިހާބެއްގައިވެސް ފެނިގެން ދަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް ރައްޔިތުންގެ އިންތިހާބީ ހައްގުތަކަށް އަރައިގަނެވިގެންދާތަން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ޓްރާންސްޕޭރެންސީއިން އިތުރަށް ވަނީ 2023 ގެ އިންތިހާބުގެ ކެމްޕެއިންގައި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓާލާ އިންތިހާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ކުރުމާއެކު ސަރުކާރުން ކޮރަޕްޝަން ނައްތާލަން ކޮށްފައިވާ ވައުދުތަކާއި އެއްގޮތަށް އަމަލުކުރުމަށް ގޮވާލާފައެވެ.