މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 11 ކިލޯގެ މަސްތުވާތަކެތި ހޯދާ 4 މީހަކު އަތުލައިގެންފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުން އިއްޔެ ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި މާލޭގެ ހަތަރު ތަނެއް އަދި ހުޅުމާލޭގެ ތަނެއް ބަލާފާސްކޮށްފައި ވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ހަތަރު މީހަކު ހައްޔަރުކޮށް 11.26 ކިލޯގެ ކެނަބިސް އަތުލައިގަނެފައިވާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އެ ޓްވީޓާއެކު ސީޕީ ހިއްސާ ކުރެއްވި ފޮޓޯތަކުގައި ޖޫސްޕެޓީ ކޮތަޅުތަކަށް މަސްތުވާތަކެތި އަޅާފައި ހުރިއިރު މަސްތުވާތަކެތި ބަންދުކުރަން ބޭނުން ކުރާ ފިލްމް ހުސްކުރި ދަޅުތަކެއް ވެސް ފެންނަން ހުއްޓެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަމުން އަންނަ މިފަދަ އޮޕަރޭޝަންތަކުގައި މީގެ ކުރިން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގަންފައެވެ.