މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވައި ވެރިކަން ދަމަހައްޓާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން މިހާރު ނ. ވެލިދޫގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހުރިހާ ރައްޔިތުންގެ ވިސްނުމާއި ފިކުރު އަދި ހުރިހާ ހަރަކާތެއް އަމާޒު ކުރަން ވީ މި އަހަރުގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ އެ ވެރިކަން އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނުމަށް ފަހު އެ ވެރިކަން ދަމަހައްޓަވާ ދެއްވާނެ ކަމަށާއި އެ ހިސާބަށް ދިއުމަށްޓަކާ ކޮށްލަންޖެހޭ ކުޑަކުޑަ ކަމެއް ކުރިމަތީގައި އެބައޮތް ކަމަށާއި އެއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކަމަށް ރައީސް ވިދާޅުވިއެވެ.
2008 އަދި 2013 ގައި ކަންކަން ވެގެންދިޔަ ގޮތް ހަނދާން ނުނެތޭ ކަމަށާއި ރައްޔިތުން ކުރިމަތީ މިއަދު އޮތީ މީގެކުރިން އެމްޑީޕީ މެމްބަރުންނަށް ކުރިމަތިވި ބިރުވެރިކަމާއި އަނިޔާތަކުގެ ތެރެއަށް އަނބުރާ ދާނީތޯ ނުވަތަ މިހާރު އޮތް ސުލްހަވެރިކަމާއެކު ކުރިއަށް ދާނީތޯ އޮތް ސުވާލު ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ދުވަސް އަނބުރާ ތަކުރާރު ނުވާނީ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވުމުން ކަމަށާއި އެކަން ކުރެވެން އޮތީ ތަފާތު ފިކުރުތައް އެއްކޮށް އުފެއްދޭ ސަރުކާރެއް އުފެއްދުމުގެ ވިސްނުމާއި ފިކުރު ހުރި މީހަކަށް ކަމަށެވެ.