ކުރީގެ މަރުތައް ނުބެލުނުތާ މިހާރުގެ މަރުތައްވެސް ނުބަލާ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ރައީސް ސޯލިހަށް ފާޑުވިދާޅުވެއްޖެއެވެ.
ވައްޑެ މިފަދައިން ވިދާޅުވީ އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ރޭ މީދޫގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައެެވެ.
ރޭ ގެ ޖަލްސާގައި ރައީސް ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ ޝަރީއަތުގެ މަރުހަލާތައް ކުރިއަށްދާ ކަމަށާއި ދިވެހި އެއްވެސް ރައްޔިތަކު އެފަދަ ހާއްދިސާއެއް ދެވަނަ ފަހަރަށް ތަކުރާރުވާން ބޭނުން ނުވާނެ ކަމަށެވެ.
ރައީސް ވަނީ 2018 ގެ ކެމްޕެއިނުގައި އަނަސްއަށް އިންސާފު ހޯދައިދޭނެ ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ވައްޑެ ވިދާޅުވީ ސަރުކާރުން ފައިސާ ދެއްވައިގެން ގިނަ ނޫސްތަކުގައި ވަކި ބާވަތެއްގެ އާޓިކަލް ލިޔުން ހުއްޓުވާލިޔަސް އަނިޔާވެރި މަރުތަކާއި ބިރުވެރި ހާދިސާތައް ހިނގުމެއް ނުހުއްޓުވޭނެ ކަމަށެވެ.
13 އަހަރު ކުޑަކުއްޖަކު މަރާލާފައި ފޮއްޓަކަށްލައި މޫދަށް އެއްލާލާފައި އޮއްވައި ފެނުނީ އަދި ފިހާރައެއްގެ ސޭޓަކު މަރާލާފައި ގޯންޏަކަށްލައި ފަޅުގެއެއްގެ ވަޅެއްތެރެއަށް ވައްޓާލާފައި އޮއްވާ ފެނުނީ ވެސް މި ވެރިކަމުގައި ކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި ޒުވާން އަންހެން ކުއްޖަކު މަރާލާފައި ގުނަވަންތައް ބުރިކޮށްފައި އޮއްވާ ފެނުނީ ވެސް މި ވެރިކަމުގައި ކަމަށް ވައްޑެ ވަނީ ވިދާޅުވެފައެވެ.
ވައްޑެ ވިދާޅުވީ މަޖީދީމަގު މެދުގައި ބޮމެއް ގޮއްވާލައިގެން މަޖިލިސް ރައީސާއި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ވެއްޓުން ޓެރަރިސްޓް ހަމަލާ ދިނީވެސް މިވެރިކަމުގައި ކަމަށާއި ވަކީން ކަންބޮޑުވާ ކަމަކީ މިއިން ކަމެއްގެ ހަގީގަތް ނުހޯދި، އިންސާފު ގާއިމު ކުރުމުގައި މާބޮޑަށް ފަރުވާ ކުޑަކޮށްލާތީ ކަމަށެވެ.
ވައްޑެ އިތުރަށް ވިދާޅުވީ މި ވާހަކަ ދައްކާން ޖެހެނީ ކުރީގެ މަރުތައް ނުބެއްލެވުނުތާ މިހާރު ހިނގާ މަރުތައްވެސް ހަމަ ނުބަލާ ކަމާބެހޭ އިދާރާތަކާއި ރައީސް ސޯލިހު ވެސް މިކަންކަމަށް ރިއެކްޓްވެސް ކޮށްނުލައްވައި ހުންނަވާތީ ކަމަށެވެ.