އެންމެ ރަނގަޅު ވެރިކަމެއް ކުރެވޭނީ އެންމެ މޮޅަށް މީހުން މެނޭޖް ކުރެވޭ މީހަކަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީގެ އަޑުތައް ގަދަވެފައި ވަނިކޮށް އިމްރާން ވިދާޅުވީ އަދި އެއީ ޒަމާނުއްސުރެ އިންސާނުން ގަބޫލު ކުރަމުން އަންނަ ހަގީގަތެއް ކަމަށެވެ.

އިމްރާނަށް ރައްދުދެއްވައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެތެރޭގެ ކަންކަމާ ދާހިލީ ވަޒީރު ނުބެހޭނެ ކަމަށެވެ.

މި މަހުގެ 28 ވަނަ ދުވަހު އެމްޑީޕީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައި ވާއިރު އެ ޕްރައިމަރީގައި ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވައެވެ.

ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ކެމްޕެއިން ހަރަކާތްތައް ފައްޓަވާފައި ހއ، ހދ، ށ އަތޮޅުގެ ބައެއް ރަށްތަކުގެ އިތުރުން ފުވައްމުލަކު ސިޓީއަށްވެސް ވަޑައިގެންފައެވެ. އަދި ހިޔާ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައި ވާއިރު މާލޭގެ ބައެއް އަވަށްތަކުގެ އެމްޑީޕީ މެންބަރުންނާ ވެސް ނަޝީދު ވަނީ ބައްދަލުކުރައްވާފައެވެ. މިހާރު ނަޝިދު ވަނީ އއ ވަޑައިގެންފައެވެ.

މީގެ އިތުރުން "ކުރިއަށް" ނަމުގައި ރައީސް ސޯލިހުގެ ކެމްޕެއިން ފަށްޓަވާފައި ވާއިރު މިއަދު ރ އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ވަޑައިގެންފައެވެ. އަދި ނ އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ.