އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަން ސާފު ކަމަށާއި، އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހޮއްވަވައިދެއްވައިފި ނަމަ، މި އަހަރުގެ އިންތިހާބު ވެސް އެ ޕާޓީ އަށް ބޮޑުތަނުން ކާމިޔާބުކޮށްދެއްވާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރ. އަލިފުށްޓަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ އެ އަތޮޅުގެ މާކުރަތަށެވެ. މާކުރަތަށް ވަޑައިގެން އެ ރަށުގެ ޖަގަހައިގައި އެމްޑީޕީ އަށް ސަޕޯޓްކުރާ ބައެއް މެންބަރުންނާ ރައީސްގެ އިތުރުން، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްގެ އިތުރުން، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ބައްދަލުކުރެއްވިއެވެ.

މާކުރަތުގައި ތިބި އެމްޑީޕީގެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އަށް މަސް ފަހުން ރިޔާސީ އިންތިހާބާ ކުރިމަތިލާއިރު، އެމްޑީޕީގެ ހުރިހާ ހަރަކާތްތަކެއް ބައްޓަން ކުރަން ވާނީ އިންތިހާބު ކާމިޔާބުކުރުމަށް ކުރެވެން ހުރި ކަންކަމަށް ވިސްނައިގެން ކަމަށެވެ.

"ޕާޓީ އެތެރޭގައި ބާއްވާ ޕްރައިމަރީ އަކީ އެއީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާބު. ވިސްނުން އަޅުގަނޑު މި ދެންނެވިހެން ކޮންމެ މީހަކު ގެންގުޅެންވީ އެ އިންތިހާބު ކާމިޔާބުކުރެވޭތޯ." ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް ސާފު، އިރާދަކުރެއްވިއްޔާ ތިބޭފުޅުން އަޅުގަނޑު ޕްރައިމަރީގައި ކެންޑިޑޭޓެއްގެ ގޮތުގައި ހޮއްވަވާދެއްވަވާފިއްޔާ 2023 ވަނަ އަހަރު، މި އަހަރު މި ބާއްވާ ރިޔާސީ އިންތިހާބު ބޮޑުތަނުން އެމްޑީޕީ އަށް އަޅުގަނޑު ކާމިޔާބުކޮށްދޭނަން."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އެއަށްފަހު ރައީސް ވަނީ ހުލާސާ ގޮތެއްގައި ވޭތުވެދިޔަ 14 އަހަރު ހިނގައިދިޔަ ކަންކަން ހިއްސާކުރައްވައިފައެވެ. ކުރީގެ ރައީސް އަދި އެމަނިކުފާނުގެ ވާދަވެރިޔާ މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތީ ކޯލިޝަނަކުން ކަން ފާހަގަކުރައްވައި، ކޯލިޝަން ރޫޅުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ އެމްޑީޕީން އެދޭ ގޮތް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ ފަހުން 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވި ގޮތުގައި، ދެވަނަ ފަހަރަށް އެފަދަ ހަމަނުޖެހުންތަކަށް ޖާގަ ދެވިގެން ނުވާނެއެވެ.

އެމަނިކުފާނު ދެން ވަނީ ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު 2018 އާ ހަމައަށް އެމްޑީޕީން ތިބީ "ބިކަވެ، ނިކަމެތިވެ، އަނިޔާވެރިކަމެއްގެ ތެރޭގަ"އި ކަމަށް ވިދާޅުވެ، އެ ތަޖުރިބާ ވެސް ހިއްސާކުރައްވައިފައެވެ.

"ހިޔާލެއް ފާޅު ކުރެވެނީ އެއް ނޫން. ރަށެއްގެ އަސާސީ ހިދުމަތެއް ތަރައްގީ އަށް އެއްވެސް ކަމެއް ކުރުމުގަ ވަކި ފިކުރަކަށް ބޯލަނބައިގެން ތިބި މީހުން ތިބީ އައިސް. ކަން ހިނގަމުން ދިޔަ ގޮތް އެއީ."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އެހެންނަމަވެސް، ރައްޔިތުންގެ ތާއީދު އޮތް ކޯލިޝަން ސަރުކާރެއްް އެކުލަވާލައި، ވަކި ކުލައަކަށް ފިކުރަކަށް ބެލުމެއް ނެތި ގިނަ މަޝްރޫއުތަކާއި ހިދުމަތްތައް ދެމުން ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މީހުން ބާކީކޮށްލާފައި ދިއުމުގެ ވިސްނުމަކީ ޑިމޮކްރަސީއެއް ނޫން ކަމަށާއި، ޑިމޮކްރަސީގައި މައިނޯރިޓީގެ ހައްގުތައް ހިމާޔަތްކުރަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މައިނޯރިޓީގެ ހައްގުތައް ހިމާޔަތްކުރެވި، ވަކި ކުލައަކަށް ބެލުމެއް ނެތި މަޝްރޫއުތައް ހިންގައި، ގައުމު ތަރައްގީކުރެވޭނީ ޕްރައިމަރީގައި އެމަނިކުފާނު ހޮވައި ދެވަނަ ދައުރަކަށް އިންތިހާބު ކުރެވުމުން ކަމަށެވެ.

ރައީސްގެ ވާހަކަފުޅަށް ފަހު، އެމަނިކުފާނުގެ ކެމްޕެއިންގައި ރ. އަތޮޅުގެ ކޯޑިނޭޓަރު ކަން ވެސް ކުރައްވާ އަސްލަމް މެންބަރުންނާ ވާހަކަ ދެއްކެވިއެވެ. އަދި އެއަށްފަހު ގޭގެއަށް ވަޑައިގެން ރައީސް ވަނީ ބައެއް މެންބަރުންގެ ވާހަކަތަކުގެ އަޑު އައްސަވައިފައެވެ.

އެމަނިކުފާނުގެ ކެމްޕެއިން ދަތުރުފުޅުގައި މާކުރަތުގެ އިތުރުން، ރ. އަތޮޅުގެ އިންނަމާދޫ އަދި މީދު އަށް ވަނީ ވަޑައިގެންފައެވެ. މީދޫ އަށް ފަހު، މާދަމާ ނ. އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު ފުރާވަޑައިގަންނަވާނެއެވެ.