ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ މާލީ އިނާޔަތަށް ގެނެވޭ ބަދަލު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 2022 ވަނަ އަހަރުގެ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ރ. އަލިފުށީ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރުގެ ޑިޖިޓަލް ޕޯޓަލް އިފްތިތާހްކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.

އެ ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރަކީ، އެފަދަ ފަރާތްތަކަށް ފުރުޞަތުތައް ހޯދައި ދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މުހިއްމު ބައެއް ކަމަށެވެ. އެ ދަފްތަރުގެ އެންމެ މުހިންމު ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ މައުލޫމާތު، ރައްކާތެރިކަމާއި ފަސޭހަ ކަމާއެކު ބެލެހެއްޓުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން ކެޓަގަރީ ކުރެވި، އެފަރާތްތަކުގެ ހާލަތްތަކަށް ވަކިވަކިން ބެލި، އެންމެ އެކަށޭނަ ގޮތެއްގައި އެހީތެރިކަން ފޯރުކޮށް ދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު ގާނޫނުގެ ދަށުން އެފަދަ މީހުންނާއި ކުދިންނަށް ފޯރުކޮށްދޭން ޖެހޭ މާލީއެހީ އާއި އެހެނިހެން އެހީތެރިކަމާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ފަސޭހަ ވާނެ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ މާލީ އިނާޔަތަށް ގެނެވޭ ބަދަލު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވައި ރިވެލި މައުރަޒަކީ، އެފަދަ ފަރާތްތަކުގެ ހުނަރުވެރިކަން ފެނިގެންދާ މައުރަޒެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހެއް ފާހަގަކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވެސް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު މަގްސަދަކީ، ގައުމުގެ ކޮންމެ ފަރުދެއްގެ އިންސާނީ ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށް ދިނުމާއި، އެ ހައްގުތައް ލިބިދިނުން ކަމަށެވެ.

މި ޖަލްސާގައި ރިވެލި ތަރި އެވޯޑް ހާސިލްކޮށްފައިވާ ފަރާތްތަކަށް އެވޯޑް ހަވާލުކޮށް ދެއްވީ، ރައީސް ސޯލިހެވެ. ރިވެލި ތަރި އެވޯޑަކީ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ރިވެލި މައުރަޒުގައި ބައިވެރިވެ އެކި ދާއިރާތަކުން ވަނަ ހޯދާފައިވާ ފަރާތްތަކަށް ދެވޭ ހާއްސަ އެވޯޑެކެވެ. މި އެވޯޑު މި އަހަރު، ފަސް ދާއިރާއަކުން 8 ފަރާތަކަށް ވަނީ ދީފައެވެ.