މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ 359 މީހެއްގެ ތެރަޕީއަށް 12.4 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ 252 ފިރިހެނުންނާ 107 އަންހެނަކަށްވަނީ ފަރުވާދީފައެވެ. އެގޮތުން އުމުރުން 18 އަހަރުން ދަށުގެ 342 ކުއްޖަކަށް ތެރަޕިއުޓިކް ފާރުވާ ދިނުމަށް އެހީ ދީފައިވެއެވެ. އަދި އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ 17 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ތެރަޕީގެ ބާވަތުން ކުރި ހަރަދަށް ބަލާއިރު އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ ބިހޭވިއާ ތެރަޕީ ދިނުމަށެވެ. އެގޮތުން ބިހޭވިއާ ތެރަޕީއަށް 3.5 މިލިޔަން ރުފިޔާގެ އެހީދީފައިވެއެވެ. މީގެ އިތުރުން އޮކިއުޕޭޝަނަލް ތެރަޕީއަށް 3.49 މިލިޔަން ރުފިޔާ، ސައިކޯ ތެރަޕީއަށް 99،350 ރުފިޔާ އަދި އާލީ އިންޓަވެންޝަންއަށް 9،000 ރުފިޔާގެ އެހީދީފައިވެއެވެ.
އެންސްޕާއިން މިދިޔަ މަހު ސްޕީޗް ތެރަޕީއަށް 3.27 މިލިޔަން ރުފިޔާގެ އެހީ ދީފައިވާއިރު އެޑިއުކޭޝަނަލް ތެރަޕީއަށް 1.88 މިލިޔަން ރުފިޔާ އަދި ފިޒިއޯތެރަޕީއަށް 118،452 ރުފިޔާގެ އެހީތެރިކަން ވަނި ފޯރުކޮށްދީފައެވެ.
މީގެ އިތުރުން ބޭސްފަރުވާ އެހީގެ ޕްރޮގްރާމުގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް 58 މީހުންނަށް 435،120 ރުފިޔާ ހާރަދުކޮށްފައިވާކަމަށް އެންސްޕާގެ ތަފާސް ހިސާބުން ދައްކައެވެ.
