"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީ" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް މިނިސްޓަރުންގެ ކެބިނެޓުން ނިންމަވައިފިއެވެ.

ކެބިނެޓުން މިގޮތަށް ނިންމެވީ މި މަހުގެ 20 ވީ އާދިއްތަ ދުވަހު ބޭއްވެވި ކެބިނެޓް ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން ހުށަހެޅުއްވި ކަރުދާހަށް މިނިސްޓަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. މި މުއާހަދާގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، އެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ނިންމަވާފައެވެ.

"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީ" އަކީ 5 އެޕްރީލް 2010 ގައި ދިވެހިރާއްޖެއިން ތަސްދީގުކޮށްފައިވާ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސް" މުޢާހަދާއިން ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރިކޮށްދޭ ހައްގުތައް އިތުރަށް ހަރުދަނާކޮށް، އެ މުއާހަދާ ފުރިހަމައަށް ތަންފީޒުކުރުމުގައި ބައިނަލްއަގްވާމީ ފެންވަރުގައި މެންބަރު ގައުމުތައް ޒިންމާދާރުކުރުވުމުގެ މަގްސަދުގައި އެކުލަވާލާފައިވާ ޕްރޮޓޮކޯލެކެވެ.

މި ޕްރޮޓޮކޯލަކީ މައި މުއާހަދާ ތަސްދީގުކޮށްފައިވާ ގައުމުތަކުން އަމިއްލަ އިހްތިޔާރުގައި ބައިވެރިވާ ޕްރޮޓޮކޯލަކަށް ވާއިރު، މީގެ 14 އަހަރު ކުރިން ރާއްޖެއިން މި މުއާހަދާ ތަސްދީގުކުރި ނަމަވެސް، މިހާތަނަށް މި އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގްވާމީ އެކި ނިޒާމުތަކުގެ ދަށުން ދިވެހިރާއްޖެ ރިވިއު ކުރުމުގެ ތެރޭގައި، މި ޕްރޮޓޮކޯލް ވީ އެންމެ އަވަހަކަށް ތަސްދީގުކުރުމަށް މީގެ ކުރިން ރާއްޖެއަށް ގިނަ ރެކޮމެންޑޭޝަންތަކެއް ލިބިފައިވެއެވެ.

މި އޮޕްޝަނަލް ޕްރޮޓޮކޯލްގައި މައިގަނޑު ދެ ނިޒާމެއް ހިމަނާފައިވެއެވެ. ފުރަތަމަ ނިޒާމަކީ ވަކިވަކި ފަރުދުން ނުވަތަ ބައެއްގެ ހައްގެއް ގެއްލިއްޖެ ނުވަތަ ނިގުޅައިގަނެވިއްޖެ ހާލަތެއްގައި، އެ ގައުމަކުން ދާހިލީގޮތުން ލިބިދޭ ފަރުވާތަކުގެ އިޖުރާއާތުތަކާއި ގާނޫނީ މަރުހަލާތައް ފުރިހަމަކޮށް ނިމުމުން، އެކަމާގުޅޭ ޝަކުވާ (އިންޑިވިޖުއަލް ކޮމިއުނިކޭޝަންސް) އދ. ގެ ކޮމިޓީއަށް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދޭ ނިޒާމެކެވެ. ދެވަނަ ނިޒާމަކީ އިންކުއަރީ ނިޒާމެވެ. މި ނިޒާމުގެ ދަށުން، މެންބަރު ގައުމަކުން މި މުއާހަދާގައި ބަޔާންކުރާ ހައްގަކަށް ނިޒާމީ ސިފައެއްގައި އަދި ބޮޑު މިންވަރަކަށް އަރައިގެންފައިވާ ކަމަށް އިތުބާރުހުރި ގޮތެއްގައި ތުހުމަތު ކުރެވިއްޖެނަމަ، އެކަމާ ގުޅިގެން އިންކުއަރީއެއް ހިންގުމުގެ ބާރު އދ. ގެ ކޮމިޓީއަށް ލިބިގެންދެއެވެ.