ސަރުކާރު މަސް ކުންފުނިި މިފްކޯ އާއި ކޫއްޑޫ ފިޝަރީޒް، އަދި އައްޑޫ ހުޅުމީދޫގެ ފިއުލް ޓާމިނަލް ހިންގުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދަށަށް ބަދަލުކޮށް، މަސްވެރިންނަށް އެފްއެސްއެމުން ތެޔޮ ދޫކުރާ ގޮތަށް ބަދަލުކޮށްފިއެވެ.

މިކަމަށްޓަކައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީއެވެ. އަދި އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމެވެ.

މިފްކޯ އިން ބުނީ މިއީ އެ ކުންފުނީގެ ސައިޓުތައް މެދުވެރިކޮށް މަސްވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމަށް ގެނެވުނު ބަދަލެއް ކަމަށެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ ބަދަލާ އެކު މިފްކޯގެ ވިޔަފާރި ކަމަށްވާ މަސް ޕްރޮސެސްކުރުން ކުރި އެރުވުމަށް ހާއްސަ ސަމާލުވކަމެއް ދެވިގެން ދާނެއެވެ.

އެފްއެސްއެމާ ހަވާލާދީ މިފްކޯ އިން ވަނީ، އެ ކުންފުނީގެ ޓާމިނަލްތަކުން މަދުނުވާ ވަރަށް މަސްވެރިންނަށް ތެޔޮ ދޫކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް ދީފައެވެ. މި ބަދަލުގެ ސަބަބުން މަސްވެރިން ފިއުލް ބިލް ދެން ދައްކަން ޖެހޭނީ ސީދާ އެފްއެސްއެމަށެވެ. އެހެންކަމުން ތެލަށް ނުކަނޑައި މަސްވެރިން ބާނާ މަހަށް ޖުމްލަ ފައިސާ ލިބިގެން ދާނެ ކަމަށް މިފްކޯއިން ބުންޏެވެ.

މީގެ އިތުރުން މަސްވެރި އުޅަނދު ފަހަރަށް ކްރެޑިޓަށް ތެޔޮ ގަނެވޭނެ ސްކީމެއް ތައާރަފްކޮށް، މަހެއްހާ ދުވަސްތެރޭ އެ ސްކީމްގައި ބައިވެރިވުމަށް އެފްއެސްއެމުން ހުޅުވާލާނެ ކަމަށް މިފްކޯއިން ބުންޏެވެ. އެ ސްކީމްގައި ބައިވެރިވުމަށްޓަކައި ޖެހޭނީ ފޯމެއް ފުރަން ކަމަށާއި އެ ފޯމް އެފްއެސްއެމްގެ ވެބްސައިޓާއި މިފްކޯ، ކޫއްޑޫ، އަދި ހުޅުމީދޫގެ ސައިޓުން ލިބޭނެ ކަމަށް މިފްކޯއިން ބުންޏެވެ. އެ ކްރެޑިޓް ފެސިލިޓީ ހަމަނުޖެހިއްޖެ ނަމަ ތެޔޮ ގަތުމުގައި މަސްވެރިންނަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް، އެފްއެސްއެމާ ހަވާލާދީ މިފްކޯ އިން ބުންޏެވެ.

މީގެ މަހެއްހާ ދުވަސްކުރިން ދެކުނުގެ ބައެއް މަސްވެރިންނާ ބައްދަލުކުރައްވައި، މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ހުރި ބޮޑެތި މައްސަލަތައް މި އަހަރުގެ މެދަކާ ހަމައަށް ދާންވާއިރަށް ހައްލު ކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައިވެއެވެ.