ކަންކަން ނިންމެވީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި މަހުގެ 28 ވަނަ ދުވަހު އެމްޑީޕީއިން ބާއްވަން ނިންމާފައިވާ އެ ޕާޓީގެ ޕްރައިމަރީގެ ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާގައި އެމްޑީޕީ ހަރުގޭގައި މިރޭ ވާހަކަފުޅު ދައްކަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ނިކުންނެވީ އެމްޑީޕީއާއެކު ކުރިއަށްދާން ކަމަށެވެ.
ރައްޔިތުން ކުރިމައްޗަަށް ވަޑައިގެން 6 އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރައްވާނެ "ފޮމިއުލާ" އާއި ރައްޔިތުންގެ ވޯޓު ހޯދާނެ ގޮތް ވަރަށް ސާފު ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާމެދު އެއްވެސް ޝައްކެތް ނެތް ކަމަށާއި ބޮޑުތަކުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި ޕްރައިމަރީ، ޕާޓީ ތެރެއިން ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
އެއްވެސް މީހެއްގެ އަޅަކަށް ދުވަހަކުވެސް ވެވަޑަައިނުގަންނަވާނެ ކަމަށާއި މަޝްވަރާ ކުރަން އަދި ކަންތައްތައް ނިންމަވަނީ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ޕާޓީ އެތެރޭގެ ޕްރައިމަރީއިން ހޮވާ ކެންޑިޑޭޓް ވާންވާނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭ ވަރުގެ ކެންޑިޑޭޓަކަށް ކަމަށެވެ.
"ކުރިއަށް" ނަމުގައި ރައީސް ސޯލިހުގެ ކެމްޕެއިން ފަށްޓަވާފައި ވާއިރު ރ އަތޮޅާއި ނ އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ. ރައީސް ސޯލިހުގެ ކެމްޕެއިން ގަައި އަތޮޅުތަކަށް ދާން ނިންމަވާފައި ވާއިރު ދެން ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ކެމްޕެއިން ހަރަކާތްތައް ފައްޓަވާފައެވެ. އެގޮތުން ހއ، ހދ، ށ އަތޮޅުގެ ބައެއް ރަށްތަކުގެ އިތުރުން ފުވައްމުލަކު ސިޓީއަށްވެސް ރައީސް ނަޝީދު ވަނީ ވަޑައިގެންފައެވެ.