ކެމްޕެއިން ފެއްޓެވި ނަމަވެސް މިހާތަނަށް ބޭއްވި އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފައި ނުވާތީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުކިޔަމުން ދާ ދަނޑިވަޅެއްގައި، އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޖަލްސާ އެއް މިރޭ އޮންނާނެ ކަން، ރައީސްގެ ކެމްޕެއިން ޓީމުން ހާމަކޮށްފިއެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސްގެ ކެމްޕެއިން ޓީމުން ޖަގަހަ ޖަލްސާތައް ބާއްވައި ދޮރުން ދޮރަށް ހިނގި ނަމަވެސް، އެފަދަ އެއްވެސް ހަރަކާތެއްގައި ރައީސް މިހާތަނަށް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެހެންވެ، އެމަނިކުފާނާ ވާދަކުރައްވާ އެމްޑީޕީގެ ރައީސް އަދިި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިތުރުން ބައެއް އާންމުންގެ ފަރާތުން ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

ރައީސްގެ ކެމްޕެއިން ޓީމުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓަރުގައިވާ ގޮތުން، އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ހާއްސަ އިވެންޓު، އެމްޑީޕީގެ މައި ހަރުގޭގައި މިރޭ 9 ޖަހާއިރު އޮންނާނެއެވެ.

އާ އަހަރާ ދިމާކޮށް އަނބިކަނބަލުން ފަޒްނާ އަހްމަދާ އެއްކޮށް ނުރަސްމީ ދަތުރުފުޅެއްގައި މިދިޔަ ބުރާސްފަތި ދުވަހު ސްރީލަންކާ އަށް ވަޑައިގަތުމަށް ފަހު، ރައީސް އެނބުރި ވަޑައިގަތީ ހޯމަ ދުވަހުގައެވެ. އޭރު ނަޝީދު ގެންދެވީ އެމަނިކުފާނުގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގެން ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވަމުންނެވެ.

ކެމްޕެއިންގައި ރައީސް އަމަލީގޮތުން ނުފެންނާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ނަޝީދު ވަނީ ރައީސްގެ ކެމްޕެއިނަކީ ޣައިރު ހާޒިރުގައި ކުރާ ކެމްޕެއިނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އާންމުންނާ ހަމައަށް ވަޑައިގެން އާންމުންނާ ބައްދަލު ނުކުރައްވާ ނަމަ، ރައީސަކީ ސިޔާސީ ލީޑަރެއްގެ ގޮތުގައި ދިވެހިން ބަލައިނުގަންނާނެ ކަމަށެވެ.