ސެނެގޯލްގެ މަޖިލީހުގައި ބަޖެޓްގެ ބަހުސް ހިނގަމުން ދިޔަ އިރު އިދިކޮޅު ޕާޓީގެ ދީނީ ލީޑަރަކަށް ހަޖޫ ޖެހި މައްސަލައެއްގައި ރުޅިގަދަވެ އިދިކޮޅު ދެ އެމްޕީއަކު ވަނީ ސަރުކާރު އެމްޕީއަށް ހަމަލާ ދީފައެވެ.

އަމީ ނިދާއީ ނަމަކަށް ކިޔާ އެމްޕީ އަކީ ބަނޑުބޮޑު އަންހެނެއް ކަމަށާއި އެ ހަމަނުޖެހުމުގައި އިދިކޮޅު އެމްޕީން އޭނާގެ ބަނޑުގައި ޖަހާފައި ވާކަމަށް ހަބަރުތައް ބުނެއެވެ.

މި މައްސަލައިގައި ކުއްވެރި ވި އިދިކޮޅު ދެ އެމްޕީން ކަމަށް ވާ މަމޮދައު ނިއަންގް އާއި މައްސަޓާ ސަމްބް 6 މަހަށް ޖަލަށްލައި އަދި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދެމީހުންވެގެން 8100 އެމެރިކާ ޑޮލަރު ނިދާއީއަސް ދިނުމަށްވެސް ވަނީ އަންގާފައެވެ.

މި ހާދިސާއާ ގުޅޭ ވީޑިއޯ ސޯޝަލްމީޑިއާގައި ދައުރުވަމުން ދާ އިރު، ބަޖެޓާ ގުޅޭ ގޮތުން ނިދާއީ ވާހަކަ ދައްކަން ހުއްޓާ، ސަމްބް އޭނާ އާ ގާތަށް ޖެހިލައި ގައިގާ ޖަހާތަން ފެނެއެވެ. އެއާއެކު ނިދާއީ ސަމްބް އާ ދިމާއަށް ގޮނޑިއެއް އެއްލައެވެ. ހަމަ އެވަގުތު ކައިރީގައި ހުރި ދެވަނަ އެމްޕީ ނިއަންގް ނިދާއީގެ ބަނޑުކޮޅުގައި ޖަހައެވެ.

އެއާއެކު މަޖިލީސް ތެރޭ ހޫނުވެ މެންބަރުންތައް އެއްވެ އެމީހުން މަސަލަސް ކުރެވޭތޯ އުޅެއެވެ. އެވަގުތު ނިދާއީ ހޭނެތިގެން ވެއްޓެނީއެވެ. އޭނާ މާބަނޑުވެފައި އިނުމުން ދަރިފުޅު ބައިގެން ހިނގައިދާނެ ކަމުގެ ބިރު އުފެދުނު ކަމަށާއި ނަމަވެސް ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައި ވާކަމަށް އޭއެފްޕީން ރިޕޯޓު ކުރެއެވެ.

ނިދާއީ އަކީ ސެނެގޯލްގެ ވެރިކަން ކުރާ ކޯލިޝަން ބެންނޯ ބޮކް ޔަކާރު ކޯލިޝަންގެ މެންބަރެކެވެ.