އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުވައްމުލަކު ސިޓީއަށް ފުރާވަޑައިގެންފިއެވެ.

މި މަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވާއިރު ޕްރައިމަރީ އަށް ވޯޓު ހޯދުމަށްޓަކައި 'ފިކުރެއްގެ ދިރުން'ގެ ނަމުގައި ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތްތައް އަންނަނީ ކުރިއަށް ގެންދަވަމުންނެވެ.

އެގޮތުން މާލޭގެ އިތުރުން މިދިޔަ މަހު 29 އިން 31 ގެ ނިޔަލަށް ވަނީ ހއ، ހދ، އަދި ށ ގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާފައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވާދަކުރައްވައެވެ. ނަޝީދަށް ލިބިވަޑައިގެންފައި ވަނީ ކެންޑިޑޭޓް ނަންބަރު 1 އެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ ކެނޑިޑޭޓް ނަންބަރު 2 އެވެ.

އިންތިހާބަށް ކުޑަތަންވަމުން އަންނައިރު އެ އިންތިހާބަކީ އިންސާފުވެރި އިންތިހާބެއް ކަމާމެދު ރައީސް ނަޝީދުގެ ފެކްޝަނުން އަންނަނީ ސުވާލުއުފައްދަމުންނެވެ. އަދި އެމްޑީޕީގެ ރައީސް ނަޝީދުގެ ސަޕޯޓަރުން އެމްޑީޕީގެ ދަފްތަރުން ވަކިކޮށްފައިވާ ކަމަށްވެސް އަންނަނީ ތުހުމަތުތައް ކުރަމުންނެވެ.