މި އަހަރު ރާއްޖެ އަށް އައި އެންމެ ފުރަތަމަ ފަތުރުވެރިޔާ އަށް ވެލާނާ އެއާޕޯޓުން ހޫނު މަރުހަބާ އެއް ކިޔައިފިއެވެ.

ރާއްޖެ އަށް މި އަހަރު އައި އެންމެ ފުރަތަމަ ފަތުރުވެރިޔާ އަކީ ރަޝިއާގެ ފަތުރުވެރިއެއް ކަމަށްވާ ނިކޮލައި ސްޓްރެޓިޗަކެވެ. އެމްއޭސީއެލުން ބުނީ، ނިކޮލައި ރާއްޖެ އަށް އައިސްފައި ވަނީ މިއަދު ހެނދުނު 6:05 ހާއިރު، އެޓިހާދް އެއާވޭސްގެ ފްލައިޓަކުން ކަމަށެވެ.

ނިކޮލައި އައުމުން އޭނާ އަށް އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އިމިގްރޭޝަނާއި އެމްއޭސީއެލްގެ ފަރާތުން ވަނީ ހޫނު މަރުހަބާ އެއް ކިޔައިފައެވެ. އާއިލާ އާ އެކު ރާއްޖެ އަށް ޗުއްޓީ ހޭދަކޮށްލަން އައި ނިކޮލައި ބުނި ގޮތުގައި މިއީ އޭނާ ރާއްޖެ އަށް އައި ފުރަތަމަ ފަހަރެވެ.

ފުރަތަަމަ ފަތުރުވެރިޔާ އަށް ދިން ހަދިޔާ އަކީ ރ. އަތޮޅު ރީތިފަރު ރިސޯޓުގައި ފަސް ރޭގެ ހުރުމެވެ. އޭގެ އިތުރުން، އެމްއެމްޕީއާރުސީންނާއި އެމްއޭސީއެލާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ދިރާގުން ވެސް ވަނީ އޭނާ އަށް ހަދިޔާ އަރުވައިފައެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 28 ގެ ނިޔަލަށް ރާއްޖެ އަށް 1،656،403 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ މިދިޔަ އަހަރު ސަރުކާރުން ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކުރި ވަރަށް ވުރެ 56 ހާސް ފަތުރުވެރިން އިތުރު އަދަދެކެވެ. އަދި އޭގެ ކުރީ އަހަރަށް ވުރެ 348 ހާސް ފަތުރުވެރިން އިތުރު އަދަދެކެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އަވަށްޓެރި އިންޑިއާއިންނެވެ. އެ ގައުމުން 239،416 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިއާ އިން 198،670 ފަތުރުވެރިން އައިސްފައިވެއެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސިވިލާތުން އައިސްފައި ވަނީ 177،843 ފަތުރުވެރިންނެވެ.

ސަރުކާރުގެ މި އަހަރުގެ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެ އަށް ގެނައުމެވެ.