ކޮވީޑް ޒީރޯގެ ސިޔާސަތާ އެކު 3 އަަހަރު ވާންދެން ގައުމު ލޮކްޑައުން ކޮށްފައި ބޭއްވުމަށް ފަހު ދިން ލުއިތަކާއެކު ކޮވިޑް ބާރަށް ފެތުރޭ މި ދަނޑިވަޅުގައި ޗައިނާގެ ހަގީގީ އަދަދުތައް ހާމަ ކުރަން ޑަބްލިއުއެޗްއޯ އިން ގޮވާލައިފިއެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ، ކޮވިޑް ޖެހި އެޑްމިޓް ކުރާ މީހުންނާއި އިންޓެންސިވް ކެއާ ޔުނިޓު (އައިސީޔޫ) އަށް ލާ މީހުންގެ ސާފު އަދަދުތައް އެނގެން ބޭނުން ވާ ކަމަށެވެ. އަދި ވެކްސިން ޕްރޮގްރާމުގެ ދަށުން ވެކްސިން ޖަހަމުން ދާ ގޮތުގެ ސާފު އަދަދުތައްވެސް ހާމަ ކުރުމަށް އެ ޖަމްއިއްޔާއިން ޗައިނާ އަށް ވަނީ ގޮވާލާފައެވެ.

ޗައިނާގައި މިހާރު ބާރަށް ފެތުރެމުން ދަނީ ކޮވިޑް19 ގެ ކޮރޯރާވައިރަސް އަށް ފަހު ފެނުނު އޮމިކްރޯން އާއިލާގެ ބީއެފް7 ވައިރަހެވެ. މި ވައިރަސް ފެތުރޭލެއް ބާރު ކަމުން، ދުވާލެއްގެ މައްޗަށް 5000 އެއްހާ މީހުން ޕޮޒިޓިވް ވާކަމަށް ޗައިނާގެ އިދާރާތަކާ ހަވާލާދީ ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރެއެވެ. ނަމަވެސް މިއީ ސައްހަ އަދަދުތައް ކަމާ މެދު ސުވާލު އުފައްދާ، އެނަލިސްޓުން ބުނަނީ، ދުވާލެއްގެ މައްޗަށް މިލިއަނަކާ ގާތަށް ޕޮޒިޓިވް ކޭސް އުޅޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މީގެ ހަފްތާއެއްގެ ކުރިން ބްލަމްބާގް އިން ހާމަ ކުރި ރިޕޯޓެއްގައި، ޗައިނާގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ ބުނެފައި ވަނީ މި ޑިސެމްބަރު މަހުގެ ފުރަތަމަ 20 ދުވަހު، 37 މިލިއަން މީހުން ޕޮޒިޓިވް ވެފައި ވާ ކަމަށެވެ. އަދި އެގައުމުގައި ހިންގި ވެކްސިން ޕްރޮގްރާމުގައި 90 ޕަސެންޓް މީހުންނަށް ވެކްސިން ދިން ނަމަވެސް ވެކްސިންއަށް އެ ވައިރަސް ގުޑާ މުއްދަތު ފަހަނައަޅާ ގޮސްފައި ވުމުން، ވައިރަސް ފެތުރުން ކޮންޓްރޯލް ވުމަށް ކުރިން ޖެހި ވެކްސިމުން އަސަރެއް ނުކުރާނެ ކަމަށެވެ.

މިފެށޭ އާ އަހަރުގެ 8 ވަނަ ދުވަހު ޗައިނާ އާންމުކޮށް ހުޅުވާލަން ނިންމާ، އެގައުމުގެ ރައްޔިތުންނަށް ދުނިޔޭގެ އެތަން މިތަނަށް ދަތުރު ކުރުމުގެ ފުރުސަތު ދީފައި ވުމުން، އެހެން ގައުމުތަކުން ދަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ޗައިނާއިން އެގައުމުތަކަށް އެތެރެ ވާ މީހުން 48 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް ނުވަތަ އެންޓިޖެން ޓެސްޓްގެ ނެގެޓިވް ނަތީޖާއެއް ގެންދަން ވަނީ އަންގާފައެވެ.

ޗައިނާއިން އަންނަ މީހުންނަށް މި އުސޫލު ތަންފީޒު ކުރަމުން ދާ ގައުމުތަކުގެ ލިސްޓު އިތުރުވަމުން ދާއިރު، މިހާރު އެމެރިކާ، ސްޕެއިން، ފްރާންސް، ސައުތް ކޮރެއާ، އިންޑިއާ، އިޓަލީ، ޖަޕާން، ޓައިވާން އަދި އިނގިރޭސިވިލާން ހިމެނެއެވެ.

ޗައިނާގައި ކޮވީޑްގެ ހާލަތު ގޯސްވެފައި ވާ މި ދަނޑިވަޅުގައި ސައްހަ މައުލޫމާތު ހާމަ ކުރުމަށް އެދެމުން ޑަބްލިއުއެޗްއޯ އިން އިތުރަށް ބުނީ، ޗައިނާއިން އެދޭނަމަ އެޖަމްއިއްޔާއިން އެހީތެރިވާން ވެސް ތައްޔާރު ކަމަށެވެ. އެގޮތުން ޗައިނާގެ ސައިންޓިސްޓުން ބައިވެރިކޮށްގެން އަންނަ އަންގާރަ ދުވަހު ބައްދަލުވުމެއް ބާއްވަން އެ ޖަމްއިއްޔާއިން މިހާރު ވަނީ ތާވަލް ކޮށްފައެވެ.

ސިއްހީ މައުލޫމާތު ހާމަ ކުރާ އިނގިރޭސިވިލާތުގެ ޖަމްއިއްޔާއެއް ކަމުގައި ވާ އެއާފިނިޓީން އަންދާޒާ ކުރާ ގޮތުގައި، ޗައިނާގައި މިހާރު ދުވާލެއްގެ މައްޗަށް 9000 މީހުން ކޮވިޑްގައި މަރުވާނެއެވެ. ނަމަވެސް ޗައިނާގެ އޮފިޝަލުން ވިދާޅުވެފައި ވަނީ މި ޑިސެމްބަރު މަހު މަރުވެފައި ވަނީ 13 މީހުން ކަމަށެވެ.