މިރޭ އައްޑޫ ސިޓީ ހުޅުދޫގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ހުޅުދޫގައި މިރޭ އަލިފާނުގެ ދެ ހާދިސާއެއް ހިނގާފައިވާއިރު ފުރަތަމަ ހާދިސާއަކީ ހުޅުދޫ ބަނދަރު ސަރަހައްދުގައި ހުރި ކުނި ފުންޏެއްގައި އަލިފާން ރޯވެ ހިނގި ހާދިސާއެކެވެ.

އެމްއެންޑީއެފްއިން ބުނީ ހުޅުމީދޫ ފަޔާ ސްޓޭޝަންއިން މިއަދު ހަވީރު 05:28 ހާއިރު ހަރަކާތްތެރިވި ކަމަށާއި އެ އަލިފާންގަނޑު މިރޭ 06:50 ހާއިރު ނިއްވާލާފައިވާ ކަމަށެވެ.

އެއަށްފަހު އެ ރަށު ބަނދަރު ވަލުތެރޭގައި އަލިފާން ރޯވެގެން ހުޅުމީދޫ ފަޔާ ސްޓޭޝަންއިން މިރޭ 08:03 ހާއިރުން ފެށިގެން ހަރަކާތްތެރި ވަމުންދާ ކަމަށް އެމްއެންޑީއެފްއިން އޭރު ބުނެފައިވީ ނަމަވެސް ދާދި ދެންމެއަކު އެމްއެންޑީއެފްއިން ބުނީ އެ އަލިފާންގަނޑު މިރޭ 9:30 ހާއިރު ނިއްވާލާފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ ފެން އަޅާ ތާރުތައް ފިނިކުރުމަށް ސިފައިން މިހާރު ސައިޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ހާދިސާތަކުގައި މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ފުރަތަމަ ހާދިސާ ހިނގާފައި ވަނީ ހުޅުދޫގައި ތާރު އެޅުމަށް ބޭނުން ކުރާ ތަކެތި ގުދަން ކޮށްފައި ހުރި ސަރަހައްދުގައި ކަމަށް މައުލޫމާތު ލިބެއެވެ.