މިރޭ އައްޑޫ ސިޓީ ހުޅުދޫގައި އަލިފާނުގެ ދެ ހާދިސާ ހިނގަމުން އެބަދެއެވެ.

މިހާރު ރޯވެ އަނދަމުން ދާ އަލިފާންގަނޑުވެސް ރޯވެފައި ހުރި ފުރަތަމަ ހާދިސާގައި އަލިފާން ރޯވި ސަރަހައްދާ ކައިރީގައެވެ.

އެމްއެންޑީއެފްއިން ބުނީ ހުޅުދޫ ބަނދަރު ސަރަހައްދުގައި ހުރި ކުނި ފުންޏެއްގައި އަލިފާން ރޯވެގެން ހުޅުމީދޫ ފަޔާ ސްޓޭޝަންއިން މިއަދު ހަވީރު 05:28 ހާއިރު ހަރަކާތްތެރިވި ކަމަށާއި އެ އަލިފާންގަނޑު މިރޭ 06:50 ހާއިރު ނިއްވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ރަށު ބަނދަރު ވަލުތެރޭގައި އަލިފާން ރޯވެގެން ހުޅުމީދޫ ފަޔާ ސްޓޭޝަންއިން މިރޭ 08:03 ހާއިރުން ފެށިގެން ހަރަކާތްތެރި ވަމުންދާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މި އަލިފާންގަނޑު އަދިވެސް ނިއްވާލެވިފައި ނުވާ އިރު ބާރަށް އަނދަމުން ދާ ކަމަށް ފޮޓޯތަކައި ވީޑިއޯތަކުން ސާފުވެއެވެ.

ފުރަތަމަ ހާދިސާ ހިނގާފައި ވަނީ ހުޅުދޫގައި ތާރު އެޅުމަށް ބޭނުން ކުރާ ތަކެތި ގުދަން ކޮށްފައި ހުރި ސަރަހައްދުގައި ކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް އެ ހާދިސާގައި ލިބުނު ގެއްލުންތަކެއް އެމްއެންޑީއެފް އިން އަދި ހާމައެއް ނުކުރެއެވެ.