ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުންގެ "ސަބަބުވެރި ހިނގާލުން" ކުރިއަށް ގެންގޮސްފިއެވެ.

މި ހިނގާލުން މާލެއާއި އަތޮޅުތަކުގައި ކުރިއަށް ގެންގޮސްފައި ވާއިރު މާލޭގައި ކުރިއަށް ދިޔަ ހިނގާލުމުގައި އެ ކޯލިޝަނުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެގޮތުން މަޖިލީހުގައި އެ ކޯލިޝަން ތަމްސީލުކުރާ މެންބަރުންނާއި އިސް ސަފުގައި ހަރަކާތްތެެރިވާ ފަރާތްތައް ހިމެނެއެވެ.

މާލޭގެ އެ ހިނގާލުން ޕީޕީއެމް އޮފީސް ދޮރުމަތިން ފެށި އިރު އެ ހިނގާލުމުގައި ގިނަ އަދަދެއްގެ ދިވެހިން، ތިބީ "ރައީސް ޔާމީން މިނިވަން ކުރޭ" ލިޔެފައިވާ ކަޅު ކުލައިގެން ޓީޝާޓު ކައިގެންނެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގެ ތެރެއިން ޕީޕީއެމްގެ މެންބަރުން ހަރަކާތްތެރިވާ ރަށްރަށުގައި ވެސް ހިނގާލުން ބޭއްވިއެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އާދިއްޔާ ދުވަހު މަނީ ލޯންޑަރިން މައްސަލައިގައި ރައީސް ޔާމީން ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް 7 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފަވެ. އަދި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި އިއްވި 4 އަހަރު ދުވަހަށް ޖަލު ހުކުމާއެކު ޖުމްލަ 11 އަަހަރު ޖަލުގައި އޮންނަވަން ޖެހިވަޑައިގަންނަވާނެއެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެެއް އައިސްފައި މިވަނީ 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ކަނޑައަޅާ ޕީޕީއެމް އިން އެމަނިކުފާނަށް ޓިކެޓު ހަވާލުކޮށްފައި ވަނިކޮށެވެ.

ޕީޕީއެމް އިން މިއަދުގެ ހިނގާލުން ބޭއްވި އިރު ޔާމީން ޖަލަށް ލީންސުރެ ކޮންމެ ރެއަކު މާލޭގެ މަގުތަކަށް ނުކުމެ ދައުލަތުގެ އެކިއެކި ފަރާތްތަކުގެ ބޭފުޅުން ދިރިއުޅުއްވާ ގޭގެ ކައިރިއަށް އެއްވެ އިހުތިޖާޖު ކުރެއެވެ. އެ އިހުތިޖާޖުތަކުން ކޮންމެ ރެއަކުވެސް އެކި އަދަދަށް ފުލުހުން މީހުން ހައްޔަރު ކުރި ނަމަވެސް ޖެހިގެން އަންނަ ދުވަހު އެ އެންމެން ދޫކޮށްލައެވެ.