ކޮވިޑް ޒީރޯ ސިޔާސަތާއެކު ގައުމު ބަންދުކޮށްގެން އުޅޭތާ 3 އަހަރަށް ދާން ވެފައި ވަނިކޮށް ލުއި ތަކާއެކު ޗައިނާ ހުޅުވާލުމުން އެހެން ގައުމުތަކުގައި ބައެއް ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.
އޮމިކްރޯންގެ ސަބްވޭރިއަންޓް ނުވަތަ ވައްތަރެއް ކަމަށް ވާ ބީއެފް7 ބެ ބިޔަ ރާޅެއް ޗައިނާއަށް އަރާ 30-40 މިލިއަން މީހުން ޕޮޒިޓިވް ވެފައި ވަނިކޮށް، ސިޔާސަތުތައް ލުއިކޮށް ޗައިނާގެ ރައްޔިތުންނަށް އެހެން ގައުމުތަކަށް ދަތުރު ކުރެވޭނެ ގޮތް ވަނީ ހަދާފައެވެ.
ޗައިނާއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކަށް ދަތުރު ކުރާ މީހުންނާ އަޅާ އާމްދަނީގެ ނިސްބަތުން ބޮޑު ޕަސެންޓެއް ހިއްސާކުރާ ގައުމެކެވެ. ނަމަވެސް ކޮވިޑް ޒީރޯގެ ސިޔާސަަތާއެކު ގައުމުގައި އެންމެން ލޮކްޑައުން ކޮށްގެން ތިބި 3 އަހަރު، ހާއްސަކޮށް 2020 އިން ފެށިގެން ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިންތައް ހިންގަމުން ދިޔައީ ޗައިނާ ފަތުރުވެރިއަކު ނެތިއެވެ.
އާ ސިޔާސަތާއެކު ޗައިނާ ހުޅުވާލި ނަމަވެސް، މިހާރުވެސް މަތިންދާބޯޓުގައި މާސްކް އެޅުމާއި ނެގެޓިވް ޕީސީއަރު ނަތީޖާއެއް ދައްކަން ޖެހުން ފަދަ ފިޔަވަޅުތައް ތަންފީޒު ކުރެއެވެ. ނަމަވެސް ގައުމުން ބޭރަށް ދަތުރު ކުރެވޭ ގޮތް ވި އިރު، ޗައިނާގައި ބީއެފް7 ފެތުރޭތީ، އެހެން ގައުމުތަކުން ފިޔަވަޅުތައް އަޅަމުން ދާ މިދަނޑިވަޅުގައި އިންޑިއާގެ އިތުރުން ޖަޕާނުން ވަނީ ފިޔަވަޅުތަކެއް އިއުލާން ކޮށްފައެވެ. އެގޮތުން އަންނަ ހުކުރުން ފެށިގެން ޗައިނާއިން ޖަޕާނަށް އެތެރެވާ ހުރިފާ އެންމެން ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް އެގައުމުގެ އިދާރާތަކުން ވަނީ އަންގާފައެވެ.
ޗައިނާ ފިޔަވައި ބީއެފް7 ވައިރަސް ފެނުނު އިންޑިއާގައި ޗައިނާ ހިމެނޭހެން 5 ގައުމެއްގެ ފަތުރުވެރިން ސްކްރީންކޮށް ދަނީ ބަލަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަކީވެސް ޗައިނާގެ ގިނަ ބަޔަކު ޒިޔާރަތް ކުރާ މާކެޓެކެވެ. ކޮވިޑްގެ ކުރީގެ ހިސާބުތައް ދައްކާގޮތުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަ އެއް ގައުމަކީ ޗައިނާއެވެ. ނަމަވެސް ކޮވިޑާއެކު އެޅި ފިޔަވަޅުތަކުގައި ޗައިނާގެ ފަތުރުވެރިން އައުން ހުއްޓުނު އިރު މިހާރު ވައިރަހާ އެކު ޗައިނާ ހުޅުވާލުމުން އެހެން ގައުމުތަކުން ފިޔަވަޅުތައް އަޅާ އިރު ރާއްޖެއިން އަޅާ ފިޔަވަޅެއް އަދި ސާފެއް ނުވެއެވެ. އެޗްޕީއޭއަކުން ވެސް އަދި ސަރުކާރަކުން ވެސް އެވާހަކައެއް ނުދައްކައެވެ.
ޗައިނާގެ ފަތުރުވެރިންނަށް ގައުމުން ބޭރަށް ދެވޭނެ މަގު ހުޅުވާލަދިން އިރު ޗައިނާއަށް އެހެން ގައުމުތަކުގެ ފަތުރުވެރިންނަށް ޒިޔާރަތް ކުރެވޭނެ ގޮތް ވެސް ވަނީ ހަދާފައެވެ. ކުރިން ކަރަންޓީން ވާން ޖެހުނަސް މިހާރު ކަރަންޓީން ވެސް ވާކަށް ނުޖެހެއެވެ.
ޗައިނާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ކޮވިޑާ ގުޅިގެން ތަންފީޒު ކުރަމުން ދާ ސިޔާސަތުތަކަށް އަންނަ ޖެނުއަރީ މަހުގެ 8 އިން ފެށިގެން އަދިވެސް އިތުރު ލުއިތައް ދޭނެއެވެ.