2020 އާ އަޅާ ބަލާއިރު، އަހަރެއްގެ ތެރޭ ކަރަންޓު ކެނޑޭ މިންވަރު މަދުކުރެވިފައިވާ ކަމަށް، ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާގައި ވަނީ މިދިޔަ އަހަރު އެ ކުންފުނިން ހޯދި ކުރިއެރުންތަކާއި މާލީ ހިސާބުތައް، އަދި ކުންފުނީގެ ކުރިމަގާ މެދު އަލި އަޅުވާލައިފައެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ކޮވިޑް-19 ގެ ސަބަބުން ދިމާވި ދަތި ދުވަސްވަރު، ރާއްޖެ އާއި ބޭރު ގައުމުތަކުގެ އިގްތިސޯދަށް އައި ހީނަރުކަމާ އެކުގައި ވެސް، އެ ކުންފުނީގެ މާލީ ހާލަތު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އަދި އަހަރީ އާންމު ޖަލްސާގައި އެ ހުށަހެޅި ބަޖެޓު ފާސްކުރިއިރު އެއީ އަރަނި ބަޖެޓެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ޖަލްސާގައި ސްޓެލްކޯ އިން ވަނީ ކުރިމަގުގައި އެ ކުންފުނިން ހާސިލްކުރަން ބޭނުންވާ ސިޔާސަތުތަކާއި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހިއްސާކޮށްފައެވެ. އެގޮތުން:

  • ނެޓްޒީރޯ އަމާޒަށް ވާސިލްވެ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ހިންގުމުގެ ހަރަދު ކުޑަކުރުން
  • ކުންފުނީގެ ގްރިޑްގައި ބޭނުންކުރާ ހަކަތައިގެ 35 ޕަސެންޓު އިޔާދަކުރުވަނިވި ހަކަތަ އަށް ހެދުން
  • ކުންފުނީގެ ވިޔަފާރިތައް ސިންދަފާތުކޮށް، އާ ވިޔަފާރިތައް ތަޖުރިބާކޮށް، ކަރަންޓުގެ ޓެރިފް ކުޑަކުރުން

މީގެ އިތުރުން ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ސިކްސްތު ޕަވާ ޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން 70 މެގަވޮޓްގެ ޕަވާޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ފެށުމާއި، ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައި، އެއް ވިއުގައަކުން މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅާލަން ވެސް ސްޓެލްކޯ އިން ވަނީ ނިންމައިފައެވެ.

އަންނަ އަހަރު ސްޓެލްކޯގެ އެކްސްޓާނަލް އޮޑިޓަރުގެ ގޮތުގައި ކްރޯ މޯލްޑިވްސް ހަމަޖެއްސުމަށް ކަނޑައަޅާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

2020 އާ އަޅާ ބަލާއިރު ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަތައް ދަށްކުރެވިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އެގޮތުން ސިސްޓަމް އެވަރެޖް އިންޓަރަޕްޝަން ޑިއުރޭޝަން އިންޑެކްސް (އެސްއޭއައިޑީއައި) 30 ޕަސެންޓު ރަނގަޅުކުރެވިފައިވާ ކަމަށާއި، ސިސްޓަމް އެވަރެޖް އިންޓަރަޕްޝަން ފްރީކުއެންސީ އިންޑެކްސް (އެސްއޭއައިއެފްއައި) 26 ޕަސެންޓު ރަނގަޅު ކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯ އިން ބުނީ ފިންލޭންޑުގެ ވާޓްސިލާ ކުންފުންޏާ ގުޅިގެން، އެނާޖީ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެ ކުންފުނިން ބުނި ގޮތުގައި، އެ ސިސްޓަމް ގާއިމްކުރުމުން، ޓެކްނިކަލް މައްސަލަ ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު ބޮޑުތަނުން ކުޑަކުރެވިގެން ދާނެއެވެ.