މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފިއެވެ.

އެއީ ބަންގަލަދޭޝްއަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

ފުލުހުން ބުނީ މާލެ ގެއެއްގެ ތެރޭގައި ހުއްދަނޫން ގޮތުގައި މީހަކު ބަންދުކޮށްފައި ހުރި ކަމަށް މިއަދު ހެނދުނު 6:00 ހާއިރު ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެތަނުގެ ތަޅުހަލާކުކޮށްލައިގެން ވަދެ އެ މީހާ އެތަނުން ނެރެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މީހާ އައިޖީއެމްއެޗްއަށް ގެންގޮސް ސިއްހީ ހާލަތު ބެލުމަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއްވެފައިވާ ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.