މީގެ 18 އަހަރު ކުރިން ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާން އާ ކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކީރިތި ކުރައްވައިފިއެވެ.
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މ. ކޮޅުފުށީގައި މިއަދު ބޭއްވި ޖަލްސާގައި ރައީސްގެ ވާހަކަފުޅު ފެއްޓެވީ ސުނާމީގެ ހަނދާންތައް އާކުރައްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސުނާމީ ކާރިސާގެ އިހުސާސްތަކަކީ ހިތަށް އެހާ ފަސޭހައިން ގެނެވޭ ވަރަށް ވުރެ ދަތި އިހުސާސްތަކެކެވެ. އެއީ އެމަނިކުފާނު ވެސް ލޮލުން ދެކިވަޑައިގަތް ކަންތައްތައް ކަމަށް ވިދާޅުވެ، ޖަލްސާގައި ބައިވެރިވި އާންމުންނަށް އެމަނިކުފާނުގެ ތަޖުރިބާ ހިއްސާކުރައްވަން ފެއްޓެވިއެވެ.
އެ ދުވަހު އެމަނިކުފާނު ހުންނެވީ ދެ ކުދިން ކަމަށްވާ ސާރާ އާއި އަމާންގެ އިތުރުން އަނބިކަނބަލުން ފަޒްނާ އަހްމަދާއި މުޅި އާއިލާ އާ އެކު އުފަން ރަށް ޅ. ހިންނަވަރުގައެވެ.
"އަޅުގަނޑުގެ އަންހެނުންނާއި ދެ ކުދިންނާއި މުޅި އާއިލާ އެ ދުވަހު ތިބީ ރަށުގަ. އަޅުގަނޑުގެ ދޮށީ ދަރިފުޅު، ނުވަ އަހަރުގެ ސާރާ..." އެ ހިސާބަށް ވިދާޅުވެވުނުތަނާ ރައީސަށް ކީރިތި ކުރެވިއްޖެއެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ ވެސް ކީރިތި ކުރައްވަމުން ގެންދެވިއެވެ.
ކުޑަ ވަގުތުކޮޅަކަށް ވާހަކަފުޅު ހުއްޓަވާލައްވައި އެމަނިކުފާނު ވާހަކަފުޅައިގެން ކުރިއަށް ގެންދެވިއެވެ.
"...އިނީ ގޭ ކުރިމަތީ ހުރި ގަހެއްގަ. ފިރިހެން ދަރިފުޅު، ހަތް އަހަރުގެ [އަމާން] ހުރީ ފާރެއް މަތީގަ. މަންމަ އާއި ހުރިހާ ކޮއްކޮމެން ރަށުގައި ތިބީ. މުޅި އާއިލާ އެކީގައި އޮތް." އެމަނިކުފާނުގެ ތަޖުރިބާ ހިއްސާ ކުރެއްވިއެވެ.
އެ ދުވަހު ވަރަށް ގިނަ އާއިލާގެ ދިރިއުޅުން ބިމާ ހަމަވެ، ހިތްދަތިކަމާއި ހިތާމަ ކުރިމަތިވެގެން ދިޔަ ކަމަށާއި، ނަމަވެސް އެ ހިތްދަތިކަމާއި ހިތާމައިގެ މައްޗަށް ހިތްވަރާއި ސާބިތުކަން އެ ދުވަހު ލިބުނީ މާތް ﷲ ގެ ދީލަތިކަމާއި އޯގާވަންތަ ކަމާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް އީމާންކަން ވަރުގަދަ ވުމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ސުނާމީގައި ލިބުނު ގެއްލުމުން އަރައިގަތުމަށްޓަކައި ދިވެހިންގެ އެންމެ ވަރުގަދަ ވަސީލަތަކަށްވީ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަން ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.