ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާ، މަރްހޫމް އުމަރު ޒާހިރަކީ ރާއްޖޭގެ ޒަމާނީ ތަރައްގީގެ އެއް ތަނބު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުމަރު ޒާހިރު ކުރެއްވި މަސައްކަތްތައް މިހާރުވެސް ފެންނަން އެބަހުރި ކަމަށެވެ. އަދި އެމަނިކުފާނު ކުރެއްވި ހިދުމަތްތަކާއި ގެންގުޅުއްވި ސިޔާސަތުތަކުން ނަމޫނާ ލިބިގަނެ، އިބްރަތް ހާސިލްކުރުމަށް ރައީސް ވަނީ ގޮވާލައްވައިފައެވެ.
ހަމަ އެއާއެކު ރައީސް ވަނީ، އުމަރު ޒާހިރަކީ ދިވެހިންގެ ހިތްތަކުގައި އެއްބައިވަންތަކަން ދިރުވައި އާލާކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި، އަދި ނަމޫނާ ދެއްކެވި ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ. އެގޮތުން، އުމަރު ޒާހިރަކީ ގައުމީ ހިދުމަތްތެރިއެއްގެ އިތުރުން، ރާއްޖޭގެ "މިޒަމާނުގެ އުމްރާނީ ތަރައްގީގެ އެއް ތަނބު"ގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
މީގެ އިތުރުން، ރައީސް ވަނީ އުމަރު ޒާހިރު ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެމަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ތަނެއް ހުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
އުމަރު ޒާހިރު އަވަހާރަވެފައި ވަނީ، މިމަހުގެ 20 ގައި، ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
50 ގެ އަހަރުތަކުން ފެށިގެން ގައުމަށް ހިދުމަތް ކޮށްދެއްވުމުގައި އުމަރު ޒާހިރު ވަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރައްވާފައެވެ. އެގޮތުން އައްޑޫ ގަމުގައި ހުންނަވާ ސަރުކާރުގެ ލޭޒަން އޮފިސަރުކަމާއި، ދާހިލިއްޔާގެ އެކިއެކި ވަޒީފާތަކާއި މަޖީދިއްޔާގެ ހެޑްމާސްޓަރު ކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާގެ މަގާމުގައި ވެސް އެމަނިކުފާނު ވަނީ މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު ކަމާއި ހޯމް މިނިސްޓްރީގެ ނައިބު ކަމުގެ މަގާމުގައި ވެސް އުމަރު ވަނީ މަސައްކަތް ކުރައްވާފައެވެ.
އުމަރު ޒާހިރަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެންމެ ހިދުމަތްތެރި އެއް ވަޒީރެވެ. އެގޮތުން އެމަނިކުފާނު ވަނީ 1983 އިން 1988 އަށް ހޯމް މިނިސްޓަރު ކަމުގެ މަގާމާއި، އެއަށްފަހު 1993 ވަނަ އަހަރާ ހަމައަށް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް މިނިސްޓަރު ކަމުގެ މަގާމުވެސް ފުރުއްވާފައެވެ.
1950 އިން ފެށިގެން ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އުމަރު ޒާހިރު ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ނިޝާން އިއްޒުއްދީނުގެ ޝަރަފު އަރުވާފައެވެ.
އެކަހަލަ ކިތަމްމެ ތަނބެއް ވެއްޓިއްޖެ އަދި ތިބާއަށްވެސް އެދުވަސް އަންނާނެ ތައްޔާރުވެގެން ހުރޭ އަބަދު މިދުވަހެން ދެމިއެއް ނޯންނާނެ