ދިވެހީންގެ ގައުމީ ހަޔާތުން ފެންނާން އޮތް އެންމެ ރީތި އެންމެ އުންމީދީ އެއް ސިފައަކީ ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައިވެސް އިސްކުރާ އެއްބައިވަންތަކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.

ސުނާމީގެ ބޮޑު ކާރިސާ ކުރިމަތިވީތާ މިއަދަށް 21 އަހަރު ފުރުނުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވި ކުއްލި ނުރައްކަލުގެ އެ އުނދަގޫ ހާލަތުގެ ހަނދާންތައް ދުވަހަކުވެސް ފިލައިގެން ނުދާނެ ކަމަށެވެ. އަދި އެ ހިތާމަވެރި ހާދިސާގައި ދުނިޔެ ދޫކުރި ދިވެހި އަހުންނާއި އުހްތުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި އެމަނިކުފާނު ވަނީ ދުއާކުރައްވާފައެވެ.

ސުނާމީ ކާރިސާއިން ލިބުނު އިބްރަތްތައް ގިނަގުނަކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިފަދަ ހާލަތްތަކާ ގުޅިގެން އެއްރަށުން އަނެއްރަށަށް ދިރިއުޅުން ބަދަލުކޮށް، ވަޒަންވެރިވާ ކޮންމެ އާއިލާއަކަށް މެހުމާންދާރީ އަދާކޮށް ދިރިއުޅުން ފަހިކޮށްދިނުމުގައި އިޖްތިމާއީ އެތައް ފައިދާތަކެއްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގައި ގައުމީ ތަރައްގީގެ ޕްލޭން ރޭވުމުގެ މުހިންމުކަމާއި ކުއްލި ހާލަތްތަކާ ކުރިމަތިލުމަށް ތައްޔާރީ ހާލަތުގައި އަބަދުމެ ތިބުމުގެ މުހިންމުކަމުގެ އިތުރުން، ބައިނަލްއަގްވާމީ މުޖްތަމައާ އެކުވެރި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަބަދުމެ ދެމިއޮތުމުގެ ފައިދާ އަކީ މިކަމުން ލިބުނު އިބްރަތެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެއްބައިވަންތަކަމަކީ ގައުމެއް ކުރިއަރައި ދިޔުމުގެ ބިންގާ ކަމަށެވެ. އެގޮތުން ގައުމެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައި، ކުރިއެރުމާއި ތަރައްގީ ހޯދައި އުފާވެރި ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި އެ ގައުމެއްގެ ހުރިހާ ފަރުދުންގެ އެއްބައިވަންތަކަން މުހިންމުކަން ފާހަގަކުރައްވާފައެވެ.

2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ކުރިމަތިވި ސުނާމީ ކާރިސާއަށް މިއަދު 21 އަހަރު ފުރިގެން ދާއިރު، މި ހިތާމަވެރި ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް މި ސުނާމީގެ އަސަރު ކޮށްފައިވެއެވެ. އަދި މި ހިތާމަވެރި ކާރިސާގައި، 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، 15000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

އެދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި އޯގާތެރިކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.