ގައުމު މިހާރު އޮތް ހާލަތަށް ބަލާއިރު، އިގްތިސޯދީ ގޮތުން ގައުމު މިއޮތީ ވަރަށް އުންމީދީ ހިސާބެއްގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރަހައްދީ ގައުމުތަކާ އަޅާ ބަލާއިރު، ރާއްޖެ ވަނީ ކޮވިޑުން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ.
ހަމަ އެހެންމެ، ރާއްޖެ މިހާރު އޮތީ އިގްތިސޯދީ ގޮތުންވެސް ވަރަށް އުންމީދީ ހިސާބެއްގައި ކަމަށް ވިދާޅުވެ، ކޮވިޑުގެ ކުރިން އޮތް ހިސާބަށް ނުވަތަ އެއަށް ވުރެވެސް ރަނގަޅު ހިސާބަކަށް އިގްތިސޯދު ގެންދިއުމަށްޓަކައި، އެންމެން ގައުމީ މަސްލަހަތު އިސްކޮށް އެއް އަޒުމެއްގައި އެކުގައި މަސައްކަތް ކުރުމަށް ރައީސް ގޮވާލެއްވިއެވެ.
މީގެ އިތުރުން، އެއްބައިވަންތަކަމުގެ ދުވަހާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ސުނާމީގައި އެކި ރަށްރަށަށް ގެއްލުންވެގެން ދިޔައިރު، އަދި ސުނާމީ އަރައިގެން އައި ވަގުތުވެސް، މީހުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެ ދިނީ އެއް އާއިލާއެއް ފަދައިން އެއްބައިވަންތަކަން އިސްކޮށްގެންކަން ފާހަގަ ކުރައްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސުނާމީގައި ލިބުނު ގެއްލުންތަކުގެ ސަބަބުން 15،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، ބައެއް މީހުން ކުރި މަސައްކަތްތައް ފެނަށް ވެގެން ދިޔައިރު، އެ މީހުންގެ ދިރިއުޅުން އަލުން އާރާސްތުކޮށް ކޮޅަށް ޖެހުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ކަމަށެވެ.
އެއާއެކު، ރައީސް ވަނީ ކޮވިޑުގެ ދުވަސްވަރުވެސް ދިވެހިންނަށް ލިބުނު އެންމެ ބޮޑު އެއް ތަސައްލީއަކީ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަ ކަން ކަމަށް ވިދާޅުވެ، އެ ދުވަސްވަރު ގޭގެއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް މަސައްކަތްކުރި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.