ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސަރުކާރު މުއައްސަސާތަކުން ސުކޫތެއް ގެނެސްފިއެވެ.
ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ މި ސުކޫތުގައި ބައިވެރިވުމަށް އޮފީސް އިމާރަތްތަކުން ނުކުމެ އެ އިމާރާތްކުގެ ކުރިމަތީގައި ސަފު ހަދާފައެވެ.
މިއަދު ހެނދުނު 9:23 ގައި ގެނައި 1 މިނެޓުގެ މި ސުކޫތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ސަރުކާރުގެ މިނިސްޓަރުންނާއި އިތުރު އެހެނިހެން ރައީސް އޮފީހުގެ އިސްމަގާމުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.
ޑިސެމްބަރު 26 ވަނަ ދުވަހު ފާހަގަ ކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހަކީ ޑިސެމްބަރު 26، 2004 ވަނަ އަހަރު އެރި ސުނާމީގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އަހުވަންތަކަމާ ގުޅިގެން ފާހަގަ ކުރާ ދުވަހެކެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ހަރަކާތްތައް ފަށާފައި ވަނީ ސަރުކާރުގެ މުވައްޒަފުން ބޮޑު ޖަމާއަތުގައި މިއަދު ކުރި ފަތިސް ނަމާދުންނެވެ.
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން ދިވެހި ލެންގުއޭޖު، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ދިވެހިންނަކީ އެއް އާއިލާއެއް ކަމަށެވެ. އަދި ދިވެހިންގެ އެއްބައިވަންތަކަން ބީވިޔަ ދީގެން ނުވާނެ ކަމަށެވެ.
ދިވެހިންގެ ތާރީހާއި ސަގާފަތް ހިފެހެއްޓުމަށްޓަކައި އަބަދުވެސް އެއްބައެއްގެ ގޮތުގައި ދިވެހިން ތިބުން މުހިންމު ކަމަށާއި ދިވެހިންގެ ޒަމާންވީ ގައުމީ ތާރީހު ދެމެހެއްޓީ އެ އަސާސްގައި ހިފަހައްޓައިގެން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.