ވ. އާރަށް މައްސަލައިގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިހުތިޖާޖުން 8 މީހަކު ހައްޔަރު ކޮށްފިއެވެ.

ވ. އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 11 އަަހަރަށް ޖަލަށް ލާން މިއަދު ހުކުމް ކޮށްފައެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އިދިކޮޅުގެ މުޒާހަރާގައި މިހާތަނަށް 8 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އިދިކޮޅުން މިހާރު މުޒާހަރާ ކުރަމުން ގެންދަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެ ކައިރީގައެވެ. އެ އިހުތިޖާޖުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށްވެސް އިހުތިޖާޖުގެ ބައިވެރިން އަންނަނީ ގޮވަމުންނެވެ.

އެ އިހުތިޖާޖު ރޫޅާލަން ފުލުހުން އަންނަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރު އެމްއެންޑީއެފް އިން ވެސް އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރޭގައި އިދިކޮޅު ލީޑާޝިޕްގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ގުރައިދޫ ދާއިރާ މެންބަރު ޣައްސާން މައުމޫނާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހިމެނިވަޑައިގެންނަވައެވެ.

މީގެ އިތުރުން މާލެ ސިޓީ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު އާއި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި އަބްދުއް ރަހީމް އަބްދު ﷲ ވެސް ވަނީ މުޒާހަރާގައި ބައިވެރިވެވަޑައިގެންފައެވެ.