ވ. އާރަށް މައްސަލައިގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމް ތަންފީޒު ކުރުމަށްޓަކައި މާފުށީ ޖަލަށް ގެންގޮސްފިއެވެ.

ވ. އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާސާބިތުވެ 11 އަަހަރަށް ޖަލަށް ލާން މިއަދު ހުކުމް ކޮށްފައެވެ.

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ، މަނީ ލޯންޑަރިން މައްސަލައިގައި ރައީސް ޔާމީން ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް 7 އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. އަދި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި އިއްވީ 4 އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެެއް އިއްވައި ފައި މިވަނީ 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ކަނޑައަޅާ ޕީޕީއެމް އިން އެމަނިކުފާނަށް ޓިކެޓު ހަވާލުކޮށްފައި ވަނިކޮށެވެ.