ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިއަދު އިއްވީ ޣައިރު ގާނޫނީ ހުކުމެއް ކަމަށާއި އިސްތިއުނާފުން ކާމިޔާބު ވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ވ. އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާސާބިތުވެ 11 އަަހަރަށް ޖަލަށް ލާން މިއަދު ހުކުމް ކޮށްފައެވެ.
ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ، މަނީ ލޯންޑަރިން މައްސަލައިގައި ރައީސް ޔާމީން ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް 7 އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. އަދި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި އިއްވީ 4 އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.
ރައީސް ޔާމީންގެ ހުކުމަށްފަހު އެ މަނިކުފާނުގެ ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޖަމީލު ވިދާޅުވީ އިސްތިއުނާފީ ކޯޓުން މި މައްސަލަ ފުރިހަމަކަމާއެކު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ޖަމީލު ވިދާޅުވީ މި މައްސަލައިގެ އިސްތިއުނާފީ ކޯޓުގެ މަސައްކަތް ރިޕޯޓު ލިބުނު އެންމެ އަވަހަކަށް ފަށްޓަވާނެ ކަމަށާއި މައްސަލަ ބެއްލެވި ގާޒީ ހެއްދެވީ ގާނޫނީ ގޮތުން ބޮޑެތި ގޯސްތަކެއް ކަމަށެވެ. އަދި ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ސާބިތު ކުރެވޭ ވަރުގެ އެންމެ ހެތްކެއް ވެސް ދައުލަތަށް ހުށަހެޅިފައި ނުވާ ކަމަށާއި އެހެންކަމުން އެ ހުކުމް ގަބޫލުނުކުރާ ކަމަށް ޖަމީލު ވިދާޅުވިއެވެ.
ޖަމީލު އިތުރަށް ވިދާޅުވީ އިސްތިއުނާފީ ކޯޓަކުން މި މައްސަލައަށް ނަޒަރު ހިންގާލައިފި ނަމަ މައުސޫމް ބޭފުޅެއްގެ ގޮތުގައި ޔާމީން އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެެއް އިއްވައި ފައި މިވަނީ 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ކަނޑައަޅާ ޕީޕީއެމް އިން އެމަނިކުފާނަށް ޓިކެޓު ހަވާލުކޮށްފައި ވަނިކޮށެވެ.